ފްރާންސްގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ "ގްރޫޕް ބީ"ގައި މި މަހުގެ ބާރަ ވަނަ ދުވަހު އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން، ފުރަތަމަ ފަހަރަށް އެއްޗެއް ވިދާޅުވެއްޖެ އެވެ.

މާސޭގެ ސްޓޭޑޭ ވެލޮޑްރޯމްގައި ކުޅުނު މެޗު ނިމުނީ ދިޔައީ 1-1 ލަނޑުން ރަޝިޔާ އަދި އިންގްލޭންޑް އެއްވަރުވެގެންނެވެ.

މެޗަށްފަހު ސްޓޭޑިއަމް ތެރޭގައި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. ދެ ޓީމުގެ ސަޕޯޓަރުން ވަކިކުރުމަށް ދަނޑުގައި ޖަހާފައިވާ ފެންސެއް ވެސް ވައްޓާލާފައިވެ އެވެ. އެ ހަމަނުޖެހުމުގައި ދެ ޓީމުގެ ސަޕޯޓަރުން އެއްޗެހި އުކުމުގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފައެވެ.

މެޗަށްފަހު އާންމުވި ބައެއް ފޮޓޯތަކުން، ސަޕޯޓަރުން ސަލާމަތްވުމަށްޓަކައި ފެންސުތައް މަތިން ފުންމާލުމަށް މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. އޭގެ ތެރޭގައި ގިނައިން ފެންސްތައް މަތިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔައީ އިނގިރޭސި ސަޕޯޓަރުންނެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވެސް މަސައްކަތްކޮށްފައިވެ އެވެ.

ޕީޓާސްބާރގް ގައި ކުރިއަށް ދިޔަ ފޯރަމެއްގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕޫޓިންވަނީ 200 އެއްހާ ރަޝިޔާ ސަޕޯޓަރުންނަށް، "އެތައް ހާސް" އިންގްލޭންޑް ސަޕޯޓަރުންނަށް ހަމަލާ ދެވުނީ ކިހިނެތްތޯ ސުވާލު އުފައްދަވައިފަ އެވެ.

ހަމަނުޖެހުންތައް ފެށީ ރަޝިޔާ ސަޕޯޓަރުން ކަމަށް ބުނާ ވާހަކަތަކަށް ޕޫޓިން ރައްދު ނުދެއްވި ނަމަވެސް، އެކަމަށް ޕޫޓިން ޖޯކު ޖައްސަވާފައިވާ ކަމަށްވެސް ބައެއް ހަބަރުތައް ބުނެ އެވެ.

"ރަޝިޔާ އަދި އިންގްލޭންޑް ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ކުރިމަތިލުންތަކަކީ ލަދުގަންނަން ޖެހޭ ކަމެއް. އަހަންނަކަށް ނޭނގެ ރަޝިޔާގެ 200 ސަޕޯޓަރުންނަށް އިންގްލޭންޑުގެ އެތައް ހާސް ސަޕޯޓަރުންނަށް ހަމަލާ ދެވުނު ގޮތެއް،" ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިންގެ ޖަވާބު ވެގެން ދިޔައީ ގިނަ ބަޔަކަށް މަޖާ ޖަވާބަކަށެވެ.

ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޔުއެފާއިން ވަނީ 150,000 ޔޫރޯއިން ރަޝިއާ ފުޓްބޯލް ޔޫނިއަން ޖޫރިމަނާކޮށް އެ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން އިތުރު ހަމަނުޖެހުމެއް ހިންގައިފި ނަމަ ރަޝިއާ މިފަހަރުގެ ޔޫރޯއިން ވަކިކުރާނެ ކަމުގެ އިންޒާރާއެކު "ސަންޕެންޑެޑް ޑިސްކޮލިފިކޭޝަން" އެއް ދީފައެވެ.

އެކަމާ ގުޅިގެން ޕޫޓިން ވިދާޅުވީ ހަމަނުޖެހުން ހިންގައި ގަވާއިދުތަކާ ހިލާފުވި މީހުންނަށްވެސް ހަމަ އެެ އަދަބު އަންނަން ވާނެ ކަމަށެވެ.