ކްރެޑިޓަށް ތެޔޮ ނެގުމަށް އެއްބަސްވެ ހެދި އެގްރީމެންޓެއްގެ ދަށުން އެސްޓީއޯ ފޮނަދޫ ތެޔޮ ރައްކާކުރާތަނުން މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ތެޔޮ ނަގާފައި ވަނީ ކުރިން ވެސް ފައިސާނުދައްކަން ރާވައިގެން ކަމަށް އެސްޓީއޯ އިން ތުހުމަތުކޮށްފި އެވެ.

އެސްޓީއޯ އިން މެރީޑިއަމް ސާވިސަސް އާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އެކުންފުނިން ކްރެޑިޓަށް ނެގި ތެޔޮލަށްވާ 19.3 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށެވެ. ސިވިލް ކޯޓުގައި މިއަދު މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދެފަރާތުން ވެސް ހުލާސާ ބަޔާން އިއްވުމަށް ވަނީ ފުރުސަތުދީފަ އެވެ.

ހުލާސަ ބަޔާން އިއްވަމުން އެސްޓީއޯގެ ވަކީލު ވިދާޅުވީ މެރީޑިއަމް ސާވިސަސްއަށް ތެޔޮ ދޫކުރި ކަމަށް ފޮނަދޫގައި އޭރު ވެރިއަކަށް ހުރި އިސްމާއީލް އަލީ ޖަލީލު ހެކިބަސް ދެމުން ބުނެފައިވާ ކަމަށެވެ. އަދި ފައިސާ ނުދައްކައި ހުރި ހުރިހާ ޑެލިވަރީ ނޯޓަކާއި ލިޔެކިޔުނަތްކެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާނެކަން ފާހަގަކޮށް ހެއްކާ ބެހޭ ގާނޫނާ ހަވާލާދީ ވަކީލު ވިދާޅުވީ ސޮއި ފޯޖުކޮށްފައިވާކަން ސާބިތު ނުކުރެވޭހާ ހިނދަކު އެ ލިޔެކިޔުންތަކަކީ ސޮއިކުރާ ފަރާތުން ތައްޔާރުކުރާ އެއްޗެއްކަމަށް ބެލެވޭނެ ކަމަށެވެ.

ޝަރީއަތަށް މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓާއި ޕާޗޭސް އޯޑަރަކީ ފޭކް ލިޔެކިޔުންތަކެއް ކަމަށް ދައުވާލިބޭ ފަރާތުން ބުނި ނަމަވެސް އެކަން އެމީހުންނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އެސްޓީއޯގެ ވަކީލު ވިދާޅުވި އެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅުމަށް އަސްލު ލިޔުންތަކުން ކޮޕީ ހެއްދި ކުއްޖާ ކޯޓުގައި ހެކިބަސްދެމުން އޭނާ ކޮޕީ ހެއްދީ އަސްލުން ކަމަށް ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މެރީޑިއަމުން 19.3 މިލިއަން ރުފިޔާއަށްވާ ފިއުލްގެ އަދަދު ދެ މިލިއަން ލިޓަރަށް އަރާނެ ކަމަށް އެސްޓީއޯގެ ވަކީލު ފާހަގަކުރި އެވެ. އަދި ލިޔެކިޔުންތައް ގެއްލުނީކަމާ މެދު ސުވާލުއުފެދޭ ކަމަށް އެސްޓީއޯގެ ވަކީލު ވިދާޅުވި އެވެ. އަދި " މެރީޑިއަމުން ތެޔޮނެގީ ކުރިން ފައިސާ ނުދައްކަން ރާވައިގެން" ކަމަށް އެސްޓީއޯގެ ވަކީލު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ތެޔޮ އަޅަންވީމާ އޮޑި ހިފައިގެން ފޮނަދޫއަށް އެބަދެވޭ. ލާރިދައްކަންވީމަ ގެއްލެނީ،" ވަކީލު ވިދާޅުވި އެވެ.

މެރީޑިއަމް ސާވިސްގެ ފަރާތުން ހުލާސާބަޔާން އިއްވަމުން ވަކީލު ވިދާޅުވީ ދައުވާގައި ބުނާ މިންވަރަށް އެސްޓީއޯ އަށް މައްސަލަ ސާބިތުކޮށްދެވިފައިވާ ނުވާކަމަށެވެ. އެގޮތުން އެސްޓީއޯ އިން ތެޔޮއެޅީ މެރީޑިއަމްގެ ދޯންޏަކަށްކަން ވެސް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އޭގެ އިތުރުން އެސްޓީއޯ އިން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ޑެލިވަރީ ނޯޓާއި ޕާޗޭސް އޯޑަރުތަކުގައި ހުރި ބައެއްކަންކަން މެރީޑިއަމްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން މައްސަލާގައި އެސްޓީއޯއިން ހުށަހެޅި ހެކިންގެ ތެރެއިން ފަސް މީހުންނަކީ އެސްޓީއޯގެ މުވައްޒަފުންކަމުން ހެކިބަސް ގަބޫލުނުކުރެވޭނެ ކަމަށް މެރީޑިއަމްގެ ވަކީލު ވިދާޅުވި އެވެ. އެއީ އެހާލަތުގައި އެމީހުންނަށް މަންފާއެއް ނުވަތަ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތުމުންކަމަށް ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެސްޓީއޯ އިން ދެއްކި ވާހަަކައަށް ރައްދުދެއްވަމުން މެރީޑިއަމްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެސްޓީއޯ އިން ޝަރީއަތަށް ހުށަހަޅާފައި ވަނީ ކަނޑައެޅިގެން އޮޅުވާލަން ފޭކް ޑޮކިއުމެންޓްތަކެއް ކަމަށެވެ.

އެ މައްސަލައަކީ އެމްޑީޕީ ސަރުކާރުން "ނިކަމެތި ރައްޔިތެއްގެ ބޮލުގައި ބަދުނާމުއަޅުވަން ކޮށްގެންއުޅޭ ސިޔާސީ ދައުވާއެއް" ކަމަށް ވިދާޅުވި އެއީ ލަދުވެތިކަމެއްގެ ގޮތުގައި ރިޔާޒުވަނީ ފާހަގަކުރައްވައިފަ އެވެ. އަދި 2010 ވަނަ އަހަރު ސެޕްޓެމްބަރު 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވޯޓުދިން ގޮތަކުން ކްރެޑިޓް ފެސިލިޓީ ކަނޑާލައި ކޯޓަށް މައްސަލަ ހުށަހެޅީކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ވާހަކައަށް ރައްދުދެއްވައި އެސްޓީއޯގެ ވަކީލު ވިދާޅުވީ 2010 ސެޕްޓެމްބަރާ ހަމައަށް އެސްޓީއޯ އިން ކްރެޑިޓަށް ތެޔޮ ނެގި ކަމަށް ރިޔާޒު އެއްބަސްވެވަޑައިތީ ކަމަށެެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ކްރެޑިޓް ފެސިލިޓީ ކަނޑާލާފައިވާ ކަމަށް ބުނެ އެ ވެވުނީ އިއުތިރާފެއްކަމަށް ވެސް އެސްޓީއޯގެ ވަކީލު ވިދާޅުވި އެވެ.

އެސްޓީއޯ އިން މައްސަލާގައި އެދިފައި ވަނީ 19.3 މިލިއަން ރުފިޔާ އަކީ މެރީޑިއަމުން އެސްޓީއޯއަށް ދައްކަން ޖެހޭ އެއްޗެއްކަމަށް ކަނޑައަޅުއްވައިދެއްވައި މައްސަލަ ނިންމަވައިދެއްވުމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުން އިތުރުކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ ދެން އޮންނާނީ ހުކުމް އިއްވުންކަމަށް އިއުލާނު ކުރުމަށް ފަހު އެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ދުވަހެއް ގާޒީ އިއުލާނެއް ނުކުރައްވަ އެވެ.