މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ސާބިތުވުމުން އެ ހުކުމް ކަށަވަރުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު 11:00 އަށް ތާވަލުކުރި އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ހުމާމްގެ ވަކީލު ސިއްހީ ހާލަތު ކުރިގޮތުން ކޯޓަށް ހާޒިރުނުވާތީ ކަމަށް ވަނީ އެނގިވަ އެވެ.

ހުމާމް މަރުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި ކުރިއަށްދާ މަރުހަލާގައި މިހާތަނަށް ހަތަރު އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ. އެންމެ ފަހުން ދުވަހު ބޭއްވި އަޑުއެހުން ނިންމާލީ ހުމާމްގެ ވަކީލު ދެއްކި ވާހަކަތަކާ ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ. އެ އަޑުއެހުން މާދަމާ މެންދުރު 13:00 އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.