19 Jun 2016, 15:05
މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ފަތިހު ވެނެޒުއޭލާ އަތުން 4-1 ލަނޑުން މޮޅުވެ އެމުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އާޖެންޓީނާ ކަށަވަރު ކޮށްފިއެވެ.
ރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ގައުމީ ޓީމަށް ޖުމުލަ 54 ލަނޑު ކާމިބުކޮށްދީ، މިހާތަނަށް އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުރީގެ ތަރި ގަބްރިއެލް ބަޓިސްޓޫޓާގެ ލަނޑުގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ.
"އަހަރެން ވަރަށް ބޮޑަށް އުފާވޭ، ބަޓިސްޓޫޓާއާ އަރައި ހަމަކުރެވުނީމަ، އެހެންނަމަވެސް އަހަންނަށް އެންމެ މުހިއްމީ މި މެޗުގެ ނަތީޖާ،" މެސީ ބުންޏެވެ.
"އަނެއްކާވެސް މިފަދަ ބޮޑު މުބާރާތެއްގެ ސެމީއާ ހަމައަށް އާދެވުމަކީ އަހަރެމެންގެ ކުޅުންތެރީންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް."

ކޮޕަ އެމެރިކާ 2016: އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ގޮންޒާލޯ ހިގައިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ -- ފޮޓޯ: ބީބީސީ
ބާސެލޯނާއަށް ކުޅޭ އުމުރުން 28 އަހަރުގެ ފޯވާޑް ވަނީ، ރޭގެ މެޗުގެ 60 ވަނަ މިނެޓްގައި ލަނޑު ޖެހުމުގެ އިތުރުން 8 ވަނަ މިނިޓާއި 28 ވަނަ މިނިޓްގައި ގޮންޒާލޯ ހިގައިން ކާމިޔާބުކުރި ދެ ލަނޑާއި، 71 ވަނަ މިނިޓްގައި އެރިކް ލަމެލާއަށް ވެސް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ސެމީ ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ މިފަހަރުގެ މުބާރާތް ކުރިއަށްގެންދާ އެމެރިކާ އާ ދެކޮޅަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޗިލީ ވަނީ، 7-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މެކްސިކޯ ބަލިކޮށް، ކޮލަމްބިއާއާ ދެކޮޅަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
އެ މެޗުގައި އެޑްއާޑޯ ވަރގާސް ކާމިޔާބުކުރި ހަތަރު ލަނޑާއެކު މެކްސިކޯ ކޮޅަށް ހަތްލަނޑު ޖަހައި ޗިލީ ވަނީ، 1978 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސްޓް ޖާރމަނީ މެކްސިކޯ އަތުން މޮޅުވި 6-0ގެ ރެކޯޑު މުގުރާލައިފައެވެ.
ކޮޕާ އެމެރިކާ ބާއްވާތާ 100 އަހަރު ފާހަގަކުރާ މިފަހަރުގެ މުބާރާތުގެ ސެމީން ޖާގަ ލިބުމަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއަށް ލިބުނު ހިތްދަތިކަން ފިލުވާލައި، އަދި އެންމެ ފަހުގެ ކޮޕާ އެމެރިކާގެެ ފައިނަލްމެޗުގެ ހަނދާންތައްވެސް ފޮހެލައި 23 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ތަށި އުފުލައިލާން ލިބޭ ރަނުގެ ފުރުސަތަކަށެވެ.