18 May 2011, 12:35
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތޮން ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ހަފްތާއެއް ފާހަގަކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެންވައިރަމަންޓް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ޕްލާސްޓިކް ކޮޓަޅު ބޭނުންނުކުރާ ހަފްތާ"ގެ ނަމުގައި ހަފްތާއެއް ފާހަގަކުރުމަށް ހަމަޖެއްސީ ތިމާވެށީގެ ދުވަސް އަންނަ މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ އިރު ދިރޭތަކެތީގެ ނަސްލުތަކުގެ ބައިނަލްއަގުވާމީ ދުވަސް މި މަހުގެ 22ގައި އަދި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް އަންނަ މަހުގެ އަށް ވަނަ ދުވަހު ފާހަގަކުރާތީ ކަމަށެވެ.
އެންވައިރަމަންޓް މިނިސްޓްރީން ބުނީ އެފަދަ ހަތްފާއެއް ފާހަގަކުރުމުގެ ބޭނުމަކީ ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުންނާއި އެކަމަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.
އަންނަ މަހުގެ ހަޔަކުން 12 އަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތިމާވެށީގެ ހަފްތާ ފެށުމުގެ ރަސްމިއްޔާތު މި އަހަރުގެ ތިމާވެށީގެ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަފްތާގައި ކުރިއަށް ގެންދާ ޕްރޮގްރާމްތައް ދެ ބަޔަކަށް ވަނީ ބަހާލާފަ އެވެ. ފުރަތަމަ ބައިގައި އެއްގޮތަކަށް ވެސް އެހަފްތާ ތެރޭ ޕްލާސްޓިކް ކޮތަޅު ބޭނުނެމެއް ނުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ކެޓަގަރީ ދޭއްގައި ބައިވެރިވާ ފަރާތްތަކުން ޕްލާސްޓިކް ކޮޓަޅު އާއްމުކޮށް ބޭނުންކުރާ މިންވަރު އެ ހަފްތާ ތެރޭގައި މަދުކުރަން ޖެހޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު އެންވައިރަމަންޓް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
އެޕްރޮގްރާމްގައި ބޮޑެތި ވިޔަފާރިވެރިންނާއި ކުދި ފިޔަފާރިވެރިންގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާންގައިވެ އެވެ.