19 Jun 2016, 13:46
ޖަކާޓާ (ޖޫން 19): އިންޑޮނޭޝިއާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިންގެ ދިޔުމުގެ ހާދިސާތަކުގައި 24 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައް ހާސްގެޔެއްގައި ފެން ބޮޑުވެފައިވާ ކަމަށް ޑިޒާސްޓާ އޭޖެންސީގެ ތަރުޖަމާނު، ސުޓޮޕޯ ޕުރުވޯ ނުގުރޮހޯ ވިދާޅުވި އެވެ.
"ފުރަތަމަ ލިބުނު މައުލޫމާތުން އެނގުނީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ސެންޓްރަލް ޖާވާ ޕްރޮވިންސުން 24 މީހަކު މަރުވެ، 26 މީހަކު ގެއްލިފައިވާ ކަން،" ސުޓޮޕޯ ވިދާޅުވި އެވެ.
ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކިސަޑުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ސާޗް އެންޑް ރެސްކިއު ޓީމުތަކުން މިހާރު ކުރަމުންދާ ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ސުޓޮޕޯ ވިދާޅުވި އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގުމަކީ އިންޑޮނޭޝިއާގައި އާއްމު ކަމެކެވެ. (އޭއެފްޕީ)