19 Jun 2016, 13:42
ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އާދައިގެ ކުޅުންތެރިއެއް ނޫނެވެ. އޭނާގެ ހިތްގައިމު ހިލޭ ޖެހުންތަކާއި ލަނޑު ޖެހުމުގެ ހުނަރަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ހިތުން އޭނާއަށް ޖާގަ ދޭންޖެހުނު މައިގަނޑު ސަބަބެވެ. ނަމަވެސް އޭނާގެ ބާރުގަދަ ހިލޭ ޖެހުންތަކާއި ޕެނަލްޓީ ސްޕޮޓުން އުފައްދާ ބާރުގަދަ ހަމަލާތައް އިދިކޮޅު ގޯލަށް އަމާޒުނުވެ ރެކޯޑް އަދަދަކަށް މައްޗަށް ދިއުމުން އެއީ ބޮޑު ސުވާލެއް ނޫން ހެއްޔެވެ.
ފީފާ ބެލަންޑޯ އެވޯޑް ތިން ފަހަރު ހޯދާފައިވާ މިހާރު އުމުރުން 31 އަހަރުގެ ސުޕަސްޓަރަށް، ހިލޭ ޖެހުންތަކުން ލަނޑު ކާމިޔާބުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަދި ޚާއްސަކޮށް ޕެނަލްޓީން ލަނޑު ޖެހުމަކީ ފެންފޮދެއް ދިރުވާލުންހާ ފަސޭހަ ކަމެކެވެ. ނަމަވެސް މިހާރު އެ ރޮނާލްޑޯ ކޮބައި ހެއްޔެވެ؟

ޔޫރޯ 2016: އޮސްޓްރިއާ ގޯލަށް ރޮނާލްޑޯ ޕެނަލްޓީ ފޮނުވާލަނީ -- ފޮޓޯ: ރޮއިޓާސް
ޕޯޗްގަލްއާއި ރެއާލް މެޑްރިޑް ތަރި ރޮނާލްޑޯ ބޮޑެތިި މުބާރާތްތަކުގައި އެންމެ ފަހުން އޭނާގެ ކްލަބަށާއި ގައުމީ ޓީމަށް ޖަހައިދިން 36 ހިލޭ ޖެހުން ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ރެއާލް އަށާއި ޕޯޗްގަލަށް އޭނާ އެންމެ ފަހުން ޖަހައިދިން ފަސް ޕެނަލްޓީގެ ތެރޭން ހަތަރު ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ. މިއީ ރެކޯޑުއަދަދެއް ނޫން ހެއްޔެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ 2016ގައި ޕޯޗްގަލް މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރޭން އެއްވެސް މެޗަކުން މޮޅުވެފައި ނުވާއިރު، އެ ޓީމުގެ ލަނޑު މެޝިން ހުރީ މައްސަލަޖެހިފަ އެވެ. އޮސްޓްރީއާ އަތުން މޮޅުވެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމުގެ މަގު ފަހިކުރާން ލިބުނު ރަނުގެ ފުރުސަތު ރޮނާލްޑޯ ވަނީ ގެއްލުވާލައިފައެވެ.

މިދިޔަ ފެބްރުއަރީ މަހު މަލާގާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީވެސް ވަނީ ކާމިޔާބު ނުކުރެވިފައި -- ފޮޓޯ: ދަސަން
މި ހިސާބުން އަދި ނިމުނީއަކީ ނޫނެވެ. ރޭ އޮސްޓްރިއާ އާ ދެކޮޅަށް ޕޯލްގަލް ކުޅުނު މެޗުގެ ފަހު ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ގޯލް ދަނޑިއަށް އަމާޒުވެ ނާކާމިޔާބުވުމާއެކު ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ، ގައުމީ ޓީމަށް ޕެނަލްޓީން (ޕެނަލްޓީޝޫޓްއައުޓް ނުހިމަނައި) ލަނޑު ޖަހައި ނުދެވުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ދެން ކުޅޭ މެޗެއްގައި ޕޯޗްގަލްއަށް ޕެނަލްޓީއެއް ލިބިއްޖެ ނަމަ ރޮނާލްޑޯއަށް އެ ފުރުސަތު ދޭން ޗޯކް ފެނާންޑޯ ސަންޓޯސް މިހާރު ޖެހިލުން ނުވާނެ ބާވަ އެވެ. އެހެން ވެއްޖެނަމަ ރޮނާލްޑޯއަށް ވާނީ ކިހިނެއް ހެއްޔެވެ؟
ކޮންމެއަކަސް ރޮނާލްޑޯއަށް ޕެނަލްޓީ ނާކާމިޔާބުވެ، ހިލޭޖެހުންތަކުން ލަނޑު ނުޖެހުމުގެ ހިތްދަތި ދުވަސްތަކެއް ގުނަމުންދާއިރު އޭނާއަށް ސަޕޯޓް ނުކުރާ ފަރާތްތަކުން ދަނީ، އެކަމުގެ އުފާ ފާޅުކޮށް ސޯޝަލްމީޑިއާގަ އާއި އެހެނިހެން ގޮތްގޮތުން ވެސް އެކަމުގެ އުފާފާޅުކުރަމުންނެވެ.

ޔޫރޯ 2016: އޮސްޓްރިއާ ކޮޅަށް ރޮނާލްޑޯ ޖެހި ޕެނަލްޓީ ނާކާމިޔާބުވުމަށް ފަހު -- ފޮޓޯ: ރޮއިޓާސް
ނަމަވެސް ރޮނާލްޑޯއަކީ އެފަދަ މީހުން އެ ހީކުރާހައި ފަސޭއިން ގެއްލިގެން ދާނޭކުޅުންތެރިއެއް ނޫނެވެ. މެޗެއްގެ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާއާ ކުޅެލުމުގެ ފަންވަރާއި ގާބިލްކަން އޭނާގެ ކިބައިގައި ހުރިކަން ވޭތުވެދިޔަތާނގައި އޭނާ ވަނީ ސާބިތުކޮށްދީފައެވެ.