19 Jun 2016, 13:30
ހުޅުމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" އަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނުވަ އޭސީ ހަދިޔާކޮށްފި އެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އޭސީތަކާ ފިޔަވަތީގެ ފަރާތުން ހަވާލުވީ ފިޔަވަތި ބަލަހައްޓަމުން އަންނަ ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބް އެވެ. އޭސީތައް ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.
ފަޒުލް ވިދާޅުވީ ހަދިޔާކުރި ހުރިހާ އޭސީތަކެއް ހަރުކޮށްދޭނީ ވެސް އެމްޑަބްލިއުއެސްސީން ކަމަށާއި އެ ހުރިހާ ކަމަކަށް ގާތްގަނޑަކަށް 80،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އޭސީތައް ހަރުކޮށް ނިންމާނެ ކަމަށެވެ.
ސައުދީގެ ވިޔަފާރިވެރިއެއްގެ ހަރަދުގައި އަޅައިދިން އެ މަރުކަޒު ހުޅުވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
ފިޔަވައްޗަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބެލެޖެއްޓުމަށް ހާއްސަ މަރުކަޒެކެވެ.