19 Jun 2016, 12:51
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނި، މޯލްޑިވްސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މާލީ ހާލަތު އޮތީ ކަންބޮޑުވާހާ ނާޒުކު ހިސާބެއްގައި ކަމަށާއި، މައްސަލަތައް ހައްލު ނުކުރެވިއްޖެ ނަމަ ކުންފުނި ދެމި އޮންނާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ސޮއިކުރައްވައި ނެރުއްވި އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއާރުޑީސީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން މާލީ ގޮތުން ނާޒުކު ހިސާބަކަށް ކުންފުނި ވެއްޓިފައިވާ ކަމަށެވެ.
އޭގެ އިތުރުން ކޯޕަރޭޓް ގަވަނެންސް ކޯޑުން އެމްއާރުޑީސީގެ މައްޗަށް ލާޒިމު ކުރާ ކަންކަން ފުރިހަމަ ކުރުމުގައި އެ ކުންފުނި ފެއިލްވެފައިވާ ކަމަށާއި އެ ކުންފުނީގެ މެންޑޭޓުގެ ބޭރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި ކުންފުނީގެ ހިންގުމުގެ އެތައް ކަމެއް އިސްލާހު ކުރަން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ އެމްއާރުޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން، ކުންފުނި ހިންގުމަށް އެކުލަވާލަން ޖެހޭ ދިގުމުއްދަތުގެ ސްރެޓީޖިކް ޕްލޭނާއި ހިންގުމުގެ ޕްލޭން ތައްޔާރު ނުކުރެވި، އެކުންފުނީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި ލަނޑުދަނޑިތައް ހާސިލު ކުރެވުނު މިންވަރު ދެނެނުގަނެވުނު ކަމަށެވެ.
އެމްއާރުޑީސީ އިން މަޝްރޫއެއް ފެށުމުގެ ކުރިން ހަދަން ޖެހޭ އެސެސްމަންޓުތައް ހަދާފައި ނުވާކަމަށާއި އަދި މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ވެސް ލިޔެކިޔުމުން ފެންނަން ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ.
މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި މޮނިޓާކޮށް ބެލެހެއްޓިފައި ނުވުމުން، 2011 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު އެ ކުންފުނިން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން 92 ޕަސެންޓު މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމިފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެއާ އެކު، 2014 ވަނަ އަހަރާ ހަމައަށް ވެސް އެ ކުންފުނީގެ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކާއި އެހެނިހެން އާލާތްތަކުގެ ލޮގް ބަލަހައްޓާފައި ނުވުން ފަދަ ގިނަ މައްސަލަތަކެއް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްއާރްޑީސީ އިން ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަ ކަމަށް، އޮޑިޓް އޮފީހުން ކުރި ސާވޭ އިން ދައްކާ ކަމަށެވެ.
އެހެންކަމުން، އޮޑިޓް ރިޕޯޓުގައި އެ ކުންފުންޏާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށާއި ކުންފުނީގެ ލިޔެކިއުންތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.