19 Jun 2016, 12:53
އޮކިނާވާ (ޖޫން 19): ޖަޕާނުގެ އޮކިނާވާގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކުގައި ދިރިއުޅޭ އެ ގައުމުގެ ސިފައިން އެރަށުން ފޭބުމަށް ގޮވާލައި ރަށުގެ އެތައް ހާސް ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.
އޮކިނާވާގެ ރައްޔިތުން އެމުޒާހަރާ ކުރަން ފަށާފައި ވަނީ އަސްކަރީ ބޭސްގައި މަސައްކަތް ކުރަމުން ދިޔަ، އެމެރިކާގެ ކުރީގެ މެރިން އޮފިސަރަކު އޮކިނާވާގެ އަންހެނަކު ރޭޕްކޮށް މަރާލުމާ ގުޅިގެންނެވެ. އޭގެ ސަބަބުން އެމެރިކާގެ ސިފައިންނާ ދެކޮޅަށް އެރަށުގެ ރައްޔިތުންގެ މެދުގައި އޮތް ދެކޮޅުވެރިކަން ވަނީ އިތުރުވެފަ އެވެ.
އޮކިނާވާގެ ވެރިރަށް ނާހާގައި ބޭއްވި މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާ އާއި ޖަޕާނުން ހެދި އެއްބަސްވުމުގެ ދަށުން ޔޫއެސް މެރިން ފެސިލިޓީއެއް ރަށުގެ އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުމާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އަދި އެރަށުގައިވާ ޔޫއެސް އަސްކަރިއްޔާގެ ހުރިހާ ފެސިލިޓީތައް ހުއްޓާލުމަށް ގޮވާލާފަ އެވެ.
މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި އޮކިނާވާގެ ގަވަރުނަރު، ޓަކެޝީ އޮނާގާ ވަނީ އެމެރިން ފެސިލިޓީގައި މަސައްކަތް ކުރުމަށް އެމެރިކާ ސިފައިންނަށް ދީފައިވާ ހުއްދަ ނަންގަވާފަ އެވެ. ނަމަވެސް، ޖަޕާނުގެ އިސް ވެރިންނާއި އެމެރިކާއިން ވަނީ އަސްކަރީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.
އޮކިނާވާގެ ފަސް ބައިކުޅަ އެއްބައިގައި ބިނާކޮށްފައިވާ އެމެރިކާ އަސްކަރިއްޔާގެ ބޭސްތަކުގައި އެ ގައުމުގެ 26،000 ސިފައިން ދިރިއުޅެ އެވެ. އެމެރިކާގެ ސިފައިންގެ މީހަކު މިމަސް ތެރޭގައި މަސްތުވެގެން ހުރެ ކާރު ދުއްވުމުން ހިނގި އެކްސިޑެންޓެއްގައި ދެ އާއްމުންނަށް އަނިޔާވި ހާދިސާއާ ގުޅިގެން އަސްކަރީ ފެސިލިޓީން ބޭރުގައި އެމެރިކާގެ ސިފައިން ބަނގުރާ ބުއިން ވަނީ މަނާކޮށްފަ އެވެ. (ބީބީސީ)