ދ. ރިނބުދޫގެ ގިނަ އަދަދެއްގެ ގަސްތަކުގައި ހުވަނިއަޅައި އެކަމުގެ އުނދަގޫ އާންމުންނަށް ފޯރަމުންދާތާ ތިން މަސް ދުވަސްވެއްޖެ ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.

ރިނބުދޫން ވާހަކަ ދެއްކި މުހައްމަދު އަލީ މިއަދު ބުނީ އެ ރަށުގެ ބައެއް ގޭގެގެ ގަސްތަކުގައާއި ވަލުތެރޭގެ ގަސްތަކުގެ އިތުރުން މަގުތަކުގައި ހުންނަ ގަސްތަކުގައި ވެސް ވަރަށް ބޮޑަށް ހުވަނިއަޅާފައިވާ ކަމަށާއި ރަށުގެ ވަރަށް ގިނަ ބަޔަކަށް އެކަމުގެ އުނދަގޫ ފޯރަމުންދާ ކަމަށެވެ.

އޭނާ ބުނީ ހުވަނީގެ އަސަރު އެންމެ ފަހުން އެ ރަށުން ފެނިފައި ވަނީ މީގެ ތިން އަހަރު ކުރިން ކަމަށާއި އެފަހަރު އަތޮޅު ހޮސްޕިޓަލުން ބޭސްޖަހައިގެން އެތަކެތި ނައްތާލާފައިވާ ކަމަށެވެ. އަދި މިފަހަރު ވެސް ހުވަނީގެ އުނދަގޫ ބޮޑުވެގެން ރަށު ކައުންސިލަށް އެނގުމުން ރަށު ކައުންސިލްގެ ފަރާތުން އޯމޯފެން ބައެއް ގަސްތަކަށް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެކަމުން ހައްލެއް ނުފެނި، އެއް ދުވަސް ފަހުން އަނެއްކާ ވެސް ހުވަނި އިތުރަށް ގިނަވާ ކަމުގެ ހުރިހާ އަލާމާތެއް ފެންނަމުން އަންނަ ކަމަށެވެ.

"މުޅި ރަށަށް ވަނީ ހުވަނީގެ އުނދަގޫ ބޮޑުވެފައި. މޭވާއެއް ގަހަކުން ބޭނުމެއް ނުކުރެވޭ، ގަހަކަށް އެރުމަކީ ވާވަރުގެ ކަމެއް ނޫން ހުވަނިތަކާ ހުރެ. ބޮޑެތި މީހުންނާއި ކުޑަކުދިންގެ ގައިގައި ވެސް ހުވަނި ހަފައި ބައެއް މީހުން އަމިއްލަ އަށް ބޭހެއް ބޭނުންކޮށްގެން ނުވަތަ ކޮންމެ ވެސް އެއްޗެއް އުނގުޅައިގެން އެކަމުން ސަލާމަތް ވަނީ. އަނެއް ބަޔަކު ހެލްތު ޕޯސްޓްއަށް ދައްކަނީ،" މުހައްމަދު އަލީ ބުންޏެވެ.

ރިނބުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލު މިއަދު ވިދާޅުވީ ހުވަނި ޖެހިގެން ސިއްހީ މަރުކަޒަށް ދައްކަން އަންނަ މީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ކަމަށާއި ހަތްފާއަކަށް 21 ވަރަކަށް މީހުން ސިއްހީ މަރުކަޒަށް ދައްކަން އަންނަ ކަމަށެވެ. އަދި ހުވަނި ޖެހިގެން އަންނަ ބައެއް މީހުންގެ ގައިގައިގާ ހުވަނި ހަފައިގެން ވަރަށް ބޮޑަށް ފިތްގަނޑު ނަގާފައި ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިނބުދޫ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒު މިއަދު ވިދާޅުވީ އެ ރަށުގައި ފުދޭވަރަކަށް ގިނައިން ހުވަނި ފެތުރިފައިވާ އިރު އާއްމުންގެ ގޭގެއަށް ވެސް ހުވަނީގެ އުނދަގޫ ފޯރާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިމާވެގެން ރަށު ކައުންސިލުން އެދިގެން ހެލްތު މިނިސްޓްރީން ގަސްތަކަށް ޖެހުމަށް ބޭސްފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުވަނީގެ މައްސަލަ ހައްލުކުރުމަށް ރަށު އޮފީހުން ވެސް ވަރަށް މަސައްކަތް ކުރެވިއްޖެ. މިނިސްޓްރީން އެބަހުރި ބޭސް ފޮނުވާފައި. ނަމަވެސް އެބޭސް ޖަހައިގެން ވެސް އެ މައްސަލަ ހައްލުވާނެ ކަމަށް ނުބެލެވޭތީ އެމަސައްކަތް ކުރަން އެނގޭ ބަޔަކު އެމައްސަލަ ހައްލުކުރުމަށް ފޮނުވައިދިނުމަށް މިނިސްޓްރީގައި އެދުމަށް އަތޮޅު އޮފީހުގައި ވާނީ އެދިފައިވާނެ." ނިޔާޒް ވިދާޅުވި އެވެ.