ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބައިވެރިވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ބުނީ 'މުވައްޒަފުންގެ ސުކީމް'ގައި ސީއެސްސީން ބައިވެރިވުމުގެ ގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސީއެސްސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭ މުވައްޒަފުންގެ ސުކީމަކީ މުސާރަ އިން ކޮންމެ މަހަކު ވެސް ވަކި ވަރެއް ކެނޑޭ ގޮތަށް މުވައްޒަފުން ހައްޖަށާއި އުމްރާ އަށް ގެންގޮސްދޭ ސުކީމެކެވެ. ހައްޖު ސުކީމްގެ ބޭނުމަކީ ޒުވާން އުމުރުގައި ހައްޖަށް ދިއުމަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ޔާމީން އިދުރީސް އެވެ. ސީއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އެވެ.

ސީއެސްސީ އަކީ ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސުކީމު"ގައި ބައިވެރިވި 22 ވަނަ ފަރާތެވެ.