19 Jun 2016, 12:04
މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޖީއެސްޓީ) ނުދައްކައި، އަދި ޖީއެސްޓީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ ނަން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން އާންމުކޮށްފި އެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓް މީރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އިރު، ގެޒެޓުގައި ވެސް ޝާއިއުކުރުމަށް ވަނީ ނިންމައިފަ އެވެ.
ޖީއެސްޓީ ފައިސާ ނުވަތަ ޖީއެސްޓީ ބަޔާން މީރާއަށް ހުށަނޭޅުމުގެ ސަބަބުން ޖުމްލަ 110 ފަރާތެއް މީރާގެ ލިސްޓަށް އަރާފައިވެ އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 13 ފަރާތަކާއި އެހެނިހެން ވިޔަފާރި ކުރާ 97 ފަރާތެއް ހިމެނެ އެވެ.
މީރާ އިން ބުނީ، ޝާއިއުކޮށްފައިވާ ލިސްޓްގައިވާ ފަރާތްތަކުން ޖީއެސްޓީ ބަޔާން ދައްކައި، ނުވަތަ ނުދައްކައި ހުރި ޖީއެސްޓީ ފައިސާ ދައްކައިފި ނަމަ، އެ ފަރާތެއްގެ ނަން ލިސްޓުން އުނި ކޮށްދެވޭނެ ކަމަށެވެ.
އެ އޮތޯރިޓީ އިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރީ، އެކި ފަހަރު މަތިން އެމީހުނަށް ގުޅައި، ޓެކްސް ނުދައްކައިފި ނަމަ ގާނޫނުން ކަނޑައަޅާފައިވާ އަދަބުތައް ވެސް ކިޔައިދިނުމަށް ފަހު ކަމަށެވެ. އަދި އެސްއެމްއެސް ކޮށްގެންނާއި އެ ތަންތަނަށް ޒިޔާރަތް ކޮށްގެން ވެސް އެފަރާތްތަކަށް އެކަންކަން އެންގުމަށް މީރާއިން މަސައްކަތް ކުރި ކަމަށް ވެސް މީރާއިން ބުނެ އެވެ.