ހުޅަނގު މޫސުމުމާއެކު ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރުތަކަށް ބުރޫ އަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މީޓުރޮލޮޖިކަލް ސެންޓަރުގެ ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ އަންނަ ބުދަ ދުވަހާއި ހަމައަށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް 13 މެއިލާ 23 މެއިލާ ދޭތެރޭގައި ވައިޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޭތެރެއަކުން ވިއްސާރަ ކޮޅެއް އަތުވެދާނެ، ނަމަވެސް ބޮޑަށް އަޅުގަނޑުމެން މި ބަލަނީ ކަނޑުތައް ގަދަވެ ދަތުރުފަތުރަށް ކޮންމެ ވެސް ވަރަކަށް ބުރޫ އަރާނެ ކަމަށް،" އަހުމަދު ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅު ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުތައް ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.

ކަނޑުތައް ގަދަވުމުގެ ސަބަބުން ތަފާތު ހިތާމަވެރި ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތަކެއް މިއަހަރު ތެރޭ ވެސް އެތައް ބަޔަކަށް ވަނީ ލިބިފަ އެވެ. ދާދި ފަހުން ވެސް ވަނީ ވ. އަތޮޅަށް ދަތުރު ކުރި ދޯންޏެއް ބިންދައިގެންގޮސްފަ އެވެ.