އިންޑިއާގެ ވެރިރަށް ކުރާ ނިއު ދިއްލީގެ ފުލުހުންގެ އިސްވެރީންގެ އަމިއްލަ ޓްވިޓާ އެކައުންޓުތަކުން ޓްވީޓު ކުރާ އިރު ބަހުގެ ގަވާއިދަށް ސަމާލުވެ ތިބެ އެކަން ކުރުމަށް އަންގައިފި އެވެ.

ނިއު ދިއްލީގެ ޕޮލިސް ޗީފް އަލޮކް ކުމާރު ވަރުމާ މިދިޔަ ހަފްތާގައި ވަނީ، ދިއްލީގެ ފުލުހުންގެ އޮފިސަރުންނާ ބައްދަލުކޮށް، ޓްވިޓާގައި އެ މީހުންގެ އަމަލުތަކާ އަޚްލާގު ބަހައްޓަންވީ ގޮތުގެ މިންގަނޑެއް ކިޔައިދީފަ އެވެ.

އެގޮތުން، ކުރާ ޓުވީޓުތަކުގައި ބަހުގެ ހަމަތަކާއި ގަވާއިދު ހިފަހައްޓައި، ރަސްމީ ބަހުން ޓުވީޓުތައް ލިޔުމަށް ޕޮލިސް ޗީފް ފުލުހުންނަށް އެންގި އެވެ.

މީގެ އިތުރުން، އެ މީހުންގެ ރަސްމީ ޓްވިޓާ ބޭނުންކޮށްގެން އަމިއްލަ ޚިޔާލު ފާޅުކުރުމާއި، ފުލުހުންގެ މަސައްކަތާ ނުގުޅޭ ލިޔުންތަކާއި ޓުވީޓުތައް ރީޓުވީޓު ނުކުރުމަށް ޕޮލިސް ޗީފް ވަނީ ފުލުހުންނަށް އިލްތިމާސް ކޮށްފަ އެވެ.

ދިއްލީގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުން މަތީގެ ހުރިހާ އޮފިސަރުންނަކީ ޓުވިޓާގައި ވަރަށް އެކްޓިވް ބައެކެވެ. އެ މީހުން ޓުވިޓާގައި އެކްޓިވް ވީ، ދިއްލީ ފުލުހުންގެ ކުރީގެ ކޮމިޝަނަރު ބީއެސް ބާސީގެ އިރުޝާދުގެ ދަށުންނެވެ. މި ކަމުގެ މަގްސަދަކީ، ފުލުހުންގެ އިސްވެރިންނާއި އާންމުންނާ ދެމެދު ގުޅުން ބަދަހި ކުރުމެވެ.