އަހަރެންނަކީ އާމިރާ އެވެ. ނިސްބަތްވަނީ އެމެރިކާގެ އާކެންސާ ސްޓޭޓަށެވެ. ކުރިން އަހަރެންނަކީ ނަޞާރާއަކެވެ. ބައްޕައަކީ ބެޕްޓިސްޓް މިނިސްޓަރެކެވެ. އަހަރެން އުޅެ ބޮޑުވީ މި މީހުންގެ ތެރޭގައެވެ.

އެންމެ ފުރަތަމަ މުސްލިމަކާ ދިމާވީ ޔުނިވާސިޓީއިންނެވެ. އެމީހުންނާ ދިމާލަށް އަހަރެންނަށް ވަރަށް ބެލެ އެވެ. އަންހެނުން އަޅާ ތަފާތު ހެދުމާއި، ފިރިހެނުން ބޮލުގައި އަޅާ ފޮތިގަނޑާއި ރޭގަނޑު ނިދާ އިރު ލާ ހެދުމެއް ވައްތަރު ޖަހާ ފޭރާމަށް ބެލެ އެވެ. އާކެންސާ ޔުނިވާސިޓީގައި މުސްލިމުން ގިނަ އަދަދަކަށް އުޅުނެވެ. ނަމަވެސް އަހަރެންނާ އެންމެ ފުރަތަމަ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނީ ފަލަސްތީނު ކުއްޖަކާ އެވެ.
ހިތްހެޔޮ އަންހެނެކެވެ. އިސްލާމް ދީނަކީ މަތިވެރި ދީނެއް ކަމަށް އޭނާ އަހަރެންނަށް ސާބިތުކޮށްދޭން މަސައްކަތް ކުރި އެވެ. ދީނާ މެދު އަހަރެންގެ ހިތުގައި ހުރި ގިނަ ސުވަލުތަކެއްގެ ޖަވާބު އޭނާ ހޯދައިދިނުމަށް މަސައްކަތް ކުރި އެވެ. ރަސޫލުންނާ ނަބީންގެ ވާހަކަތައް ކިޔައިދިނެވެ.
އެ ކުއްޖާ ޔުނިވާސިޓީން ގްރެޖުއޭޓު ވެއްޖެ އެވެ. އެނބުރި ފަލަސްތީނަށް ދިއުމުގެ ކުރިން އަހަރެންނަށް ސުވަރުގޭގެ ވާހަކަތައް ކިޔައިދިނެވެ. ތިމަންނާ އެނބުރި ރަށަށް ދިއުމުން ދެން އަހަރެމެން ދެމީހުން ދިމާ ނުވާނެ ކަމަށް ބުނެ، ރޮއެ ހެދި އެވެ. ނަމަވެސް އޭނާ ބުނީ، މި ދުނިޔެއިން އަހަރެމެން ދެން ބައްދަލު ނުވާނެ ނަމަ، ސުވަރުގެއިން ވިޔަސް އަހަރެންނާ އަލުން ބައްދަލުކޮށްލަން އެދޭ ކަމަށެވެ. އޭނާ އެނބުރި ފަލަސްތީނަށް ގޮސްފި އެވެ. ދެ ހަފްތާ ފަހުން އެ ކުއްޖާ ޝަހީދު ވެއްޖެ އެވެ. އޭނާ ދިރިއުޅޭ ގެ ކައިރީގައި ބަޔަކު ގޮއްވާލި ބޮމެއްގެ ޝިކާރައަކަށް ވީ އެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
އެ ޚަބަރު ލިބުމުން ވަރަށް ދެރަވި އެވެ. އަހަރެންގެ ފަލަސްތީނު ރަހުމަތްތެރިޔާ އިސްލާމް ދީނާ ބެހޭގޮތުން އަހަރެންނަށް ދެއްކި ކުޑަކުޑަ މަންޒަރުން އަހަރެންގެ ހިތް އެ ދީނަށް ދަމައިގަތެވެ. އޭނާއާ އަލުން ބައްދަލުކުރަން ބޭނުންވެ އެވެ. ސުވަރުގެއިންނެވެ.
މެދުއިރުމަތީގެ ގިނަ ރަހުމަތްތެރިން އަހަރެން ޔުނިވާސިޓީއިން ހޯދައި، އެމީހުންގެ ފަރާތުން އިސްލާމް ދީނާއި އަރަބިބަސް އުނގެނެން މަސައްކަތް އަހަރެން ކުރީމެވެ. ނަމަވެސް ކިޔަވައި ނިމުމާ އެކު، އެނބުރި އަހަރެންގެ ނަޞާރާ މުޖުތަމައުގެ ތެރެއަށް ދާން ޖެހުމެވެ. އެތަނުގައި އެއްވެސް މުސްލިމަކު ނޫޅެ އެވެ.
ނަވާރަސަތޭޖަ ނުވަދިހަ ފަސްވަނަ އަހަރުގެ ބަހާރު މޫސުމުގައި، މާތްﷲ އަހަރެންގެ ހަޔާތަށް ވަރަށް މުހިންމު މީހަކު ގެނެސްދިނެވެ. ލާމަސީލު މުސްލިމެކެވެ. އަހަރެންގެ ޝަހީދުވި ފަލަސްތީނު ރަހުމަތްތެރިޔާ އުނގަންނައިދިން ހުރިހާ އެއްޗެއް މީނާގެ ފަރާތުން އަހަރެންނަށް އަލުން އާ ވި އެވެ. الْحَمْدُ لِلَّهِ އެވެ. އޭނާ އަހަރެން މިސްކިތަށް ވެސް ގެންދަން ފެށި އެވެ. އަހަރެން އޭނާ ދެކެ ނުހަނު ލޯބިވެ، ކައިވެނި ކުރުމަށް ވެސް އެއްބަސް ވީމެވެ. އެކަން އަހަރެމެންނަށް ނުވި އެވެ.
ނަމަވެސް އޭނާގެ އެހީތެރިކަމާ އެކު، އިސްލާމްދީން ދަސްކުރުމުގައި އެއް އަހަރު ހޭދަ ކުރުމަށްފަހު އަހަރެން އިސްލާމް ވީމެވެ.
ނަމަވެސް އަހަރެންގެ އާއިލާގައި އުޅެނީ ހަރުބީ ކާފަރުންނެވެ. އެމީހުންގެ ގާތުގައި އަހަރެން އިސްލާމްވި ވާހަކަ ބުނުމުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަހަރެން ވީ އެމީހުންގެ ނަޒަރުގައި ޓެރަރިސްޓަކަށެވެ. އަހަރެން މެންޓަލް ހޮސްޕިޓަލަކަށް ގެންދަން މަސައްކަތް ކުރި އެވެ. އެންމެ ފަހުން އަހަރެން "ޑިސްއޯން" ކޮށްލީ އެވެ. އަހަރެންނަކީ އެ ދެމީހުންގެ ދަރިއެއް ނޫން ކަމަށް ކަނޑައެޅީ އެވެ. އަހަރެންގެ އަމިއްލަ މަންމައާއި ބައްޕަ އަހަރެންނާ މެދު ކަންތައް ކުރި ގޮތަކީ މިއީ އެވެ.
އެ ދުވަސްވަރު ސައުދީ އަރަބިއްޔާގައި ބޮމެއް ގޮއްވާލި ހާދިސާއެއްގައި އަހަރެންގެ ބޮޑުބޭބެއަކާއި އޭނާގެ ދަރިއަކު މަރުވި އެވެ. މަންމައާއި ބައްޕަ އަހަރެންނަށް ގުޅާފައި ބުނީ އެއީ އަހަރެންގެ އެކުވެރި ޓެރަރިސްޓުން ކުރި ކަމެއް ކަމަށެެވެ. އޭގެ ހަތަރު ދުވަސް ފަހުން، އަހަރެން އޮފީހުން ގެޔަށް އައި އިރު އަހަރެންގެ ކާރުގެ ދޮރެއްގައި ސްޕްރޭ ބޭނުންކޮށްގެން "ޓެރަރިސްޓް ލަވަރ" މިހެން ޖަހާފައި އޮތެވެ.
ކުރާނީ ވަކި ކީއް ހެއްޔެވެ؟ އަހަރެން އުޅޭ ޓައުންގައި އެހެން މުސްލިމުންނެއް ނޫޅެ އެވެ. އަހަރެންނަށް މީހަކު ހަމަލާ ވެސް ދިނެވެ. އަހަރެންނަށް ބޮޑެތި އަނިޔާތަކެއް ވެސް ލިބުނެވެ. ނަމަވެސް ﷲ ގެ އިރާދަފުޅުން އެމީހާ ހައްޔަރުކުރެވި، އޭނާއަށް ހައްގު އަދަބު މި ދުނިޔޭގައި ލިބިގެން ދިޔައެވެ.
މިފަދަ ކަންކަން ދިމާވެ، އިސްލާމް ވުމުގެ ސަބަބުން އަހަރެންގެ އާއިލާއާ ވަކިވާން ޖެހުނު ނަމަވެސް، އަހަރެން އުފާވެ އެވެ. އަހަރެންނަށް މި ހުރެވެނީ ހައްގު މަގުގައިކަން އަހަރެންނަށް ގަބޫލު ކުރެވެ އެވެ. އެކަނި މައި އެކަނި ދުނިޔޭގައި އުޅެން ޖެހުނަސް، ﷲ އަހަރެންނާ އެކު އަބަދުމެ އަބަދު ވޮޑިގެން ވެ އެވެ. އަހަރެން އެންމެ ބޮޑަށް ބޭނުންވަނީ އަހަރެންގެ އެކުވެރިޔާއާ ޖަންނަތުން ބައްދަލު ކުރުމަށެވެ.