ސިޔާސީ ޕާޓީތަކާ ގުޅިގެން ސިޔާސީ ހަރަކާތްތެރިއެއްގެ ގޮތުގައި އުޅުމަކީ އެއްވެސް އިރެއްގައި ކުރާހިއްވި ކަމެއް ނޫން ކަމަށާއި އެމްޑީޕީއާ ގުޅިވަޑައިގަތް ނަމަވެސް އެޕާޓީގެ ޕޯޑިއަމްތަކުން ނުފެންނާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސަލީމް [ނަން ރީތި ސަލީމް] މިއަދު ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީގެ ޕޯޑިއަމްތަކުން ސިޔާސީ ހަރަކާތްތެރިއެއްގެ ގޮތުގައި އަޅުގަނޑެއް ނުފެންނާނެ،" ސަލީމް ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގަތްކަން ހާމަކުރެއްވުމާ ގުޅިގެން ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަލީމް މިއަދު ވިދާޅުވީ އޭނާއަކީ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅަކަށް ވާތީ ވަކި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެއްވެސް އިރެއްގައި ކުރާހިތްވި ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ ދާއިގައި އުޅުމަކީ އަޅުގަނޑު އެއްވެސް އިރެއްގައި އަޅުގަނޑު ކުރާހިތްވި ކަމެއް ނޫން. އެކަމަކު މިއަދުގެ ހަގީގަތަކީ ސިޔާސީ ޕާޓީއަކާ ނުގުޅި ޑިމޮކްރަސީ ކުރިއަރުވަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭނެކަން،" ސަލީމް ވިދާޅުވި އެވެ.

އެމްޑީޕީއާ ގުޅިވަޑައިގަންނަން ނިންމެވީ ކީއްވެތޯ ދެންނެވުމުން ސަލީމް ވިދާޅުވީ ދައުލަތަށް އެތައް ދުވަހެއް ވަންދެން އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދީފައި ވަނިކޮށް، ނަގާ އެއްލާލި ދުވަހު އޭނާ އަށް ތާއީދުކޮށްދިނީ އެމްޑީޕީން ކަމަށެވެ. އަދި އެމްޑީޕީއަކީ ރާއްޖޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކުރިއަރުވަން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ޕާޓީއަށް ވުމަކީ ވެސް އެ ޕާޓީއާ ގުޅިވަޑައިގަތް ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރެކެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އެކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. ހަމަ އެކަނި ކުށްވެރިންގެ އިންސާނީ ހައްގުތައް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންތައް އޭރު ސަލީމަށް އަމާޒުވި އެވެ.
ސަލީމް އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަން އެޕާޓީން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.