ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ލުއިސް ފީގޯގެ ރެކޯޑެއް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފި އެވެ.

ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް އޭނާ ކުޅުނު 128 ވަނަ މެޗު ފުރިހަމަކޮށްފަ އެވެ. ގައުމީ ޓީމަށް ފީގޯ ކުޅެފައިވަނީ 127 މެޗެވެ.

ޔޫރޯގެ "ގްރޫޕް އެފް"ގައި ރޭ އޮސްޓްރިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. އެ ގްރޫޕުގައި ހިމެނޭ ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ގްރޫޕުން ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުކުރާ ޓީމުތައް އެނގިގެންދާނީ އަންނަ ބުދަ ދުވަހު ކުޅޭ ގްރޫޕުގެ ފަހު މެޗުތަކަށް ފަހު އެވެ.

ޕޯޗުގަލް އަށް ރޮނާލްޑޯ ފުރަތަމަ މެޗެއް ކުޅެފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ. އޮގަސްޓް މަހުގެ 2003 ވަނަ އަހަރު ކަޒަކިސްތާނު އަތުން 1-0 ލަނޑުން މޮޅުވި އެ މެޗުގައި ރޮނާލްޑޯ ފެނިގެންދިޔައީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ޕޯޗުގަލްގެ ކެޕްޓަންކަމުގެ މަގާމާ އުމުރުން 31 އަހަރުގެ ރޮނާލްޑޯ ހަވާލުވެފައި ވަނީ 2008 ވަނަ އަހަރު އެވެ. ރޮނާލްޑޯ އަކީ މިހާތަނަށް ޕޯޗުގަލް އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 58 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.