19 Jun 2016, 02:04
ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ޕެނަލްޓީ ނާކާމިޔާބުވެ، އޮސްޓްރިއާ އަތުން ވެސް ޕޯޗުގަލް އެއްވަރުވެއްޖެ އެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް އެފް"ގެ މެޗަށް ޕޯޗުގަލް ނުކުތް އިރު، މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި އައިސްލެންޑް އަތުން ވަނީ 1-1 ލަނޑުން އެއްވަރުވެފަ އެވެ. ޕެރިސްގެ ޕާކް ޑެސް ޕްރިންސެސްގައި މިރޭ ޕޯޗުގަލް އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫރޯގައި ޕޯޗުގަލް އާއި އައިސްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ
އެ ނަތީޖާއާއެކު ޕޯޗުގަލް އަށް ކުޅުނު ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، އޮސްޓްރިއާ އިން ވަނީ ޕޮއިންޓެއް ހޯދައި ދެވަނަ ބުރުގެ އުންމީދު އާކޮށްފަ އެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ހަންގޭރީ އަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އައިސްލެންޑަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. އެ ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރާ ޓީމުތައް އެނގިގެންދާނީ ގްރޫޕުގެ ފަހު މެޗުތަކަށް ފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނާނީ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. އެ ފުރުސަތުތަކުގެ ބޭނުން ޕޯޗުގަލް އަށް އެންމެ ރަނގަޅަށް ހިފޭ ގޮތް ވެފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި ރޮނާލްޑޯ އާއި ނާނީގެ ހަމަލާއެއް ގޯލާ އަމާޒުކޮށްލި ނަމަވެސް، އޮސްޓްރިއާގެ ގޯލްކީޕަރު ރޮބާޓް އަލްމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓު ފަހުން ޕޯޗުގަލް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރޮނާލްޑޯ އަށް ލިބުނު ފުރުސަތަކުން ދުރުން އުފެއްދި ހަމަލާ، އޮސްޓްރިއާގެ ކީޕަރު އަލްމާ ވަނީ މަތަކޮށްފަ އެވެ. އޭގެ މާ ގިނައިރުތަކެއް ނުވެ، ކޯނަރަކުން އޮސްޓްރިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯ އުފެއްދި ހަމަލާ ވެސް ކީޕަރު އަލްމާ ވަނީ މަތަކޮށްފަ އެވެ.

ޔޫރޯގައި ޕޯޗުގަލް އާއި އައިސްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: އޭޕީ
މެޗުގެ 78 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޕޯޗުގަލް އަށް އެ ޕެނަލްޓީ ލިބުނީ އޮސްޓްރިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯ އަށް މާޓިން ހިންޓެރެގާ ކުރި ފައުލަކާ ގުޅިގެންނެވެ.
ޔޫރޯގެ "ގްރޫޕް އެފް"ގެ ފަހު މެޗުތަކުގައި އަންނަ ބުދަ ދުވަހު އައިސްލެންޑާ ދެކޮޅަށް އޮސްޓްރިއާ ނުކުންނަ އިރު، ޕޯޗުގަލް ނުކުންނަން ޖެހޭނީ ހަންގޭރީއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ އެއް ވަގުތެއްގައެވެ.