19 Jun 2016, 09:53
ޗެކް ރިޕަބްލިކްގެ ކެޕްޓަން ތޯމަސް ރޮސިސްކީ އަށް އަނިޔާވެ، އޭނާ އަށް ފްރާންސްގައި ކުރިއަށްދާ ޔޫރޯ ނިންމާލަން ޖެހިއްޖެ އެވެ.
އުމުރުން 35 އަހަރުގެ ރޮސިސްކީގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ތިން ހަފްތާ އާއި ހަ ހަފްތާއާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
ކްރޮއޭޝިއާއާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅެ، 2-0 ލަނޑުން އެއްވަރުވި މެޗުގައި ޗެކް ރިޕަބްލިކްގެ ފުރަތަމަ ލަނޑު ޖެހުމަށް މިލާން ސްކޮޑާ އަށް އެހީތެރިވި ނަމަވެސް، އޭނާ އަށް ވަނީ ފަހުން މެޗުގައި އަނިޔާވެފަ އެވެ.
ޗެކް ރިޕަބްލިކްގެ ޑޮކްޓަރު ޕީޓާ ޒޭމަން ވަނީ ހެދި ސްކޭންތަކަށް ބެލުމަށް ފަހު، ރޮސިސްކީ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ހާމަކޮށްފަ އެވެ.
"ހޮސްޕިޓަލުގައި ހެދި ސްކޭންތަކުން ދައްކަނީ އޭނާގެ ފައިގެ މަސްގަނޑަށް އަނިޔާވެފައިވާ ކަން. ޔޫރޯގައި ޗެކް ރިޕަބްލިކް ކުޅޭ އެއްވެސް މެޗެއްގައި ރޮސިސްކީ އަކަށް ނުކުޅޭވޭނެ. އަނިޔާއަށް ފަރުވާ ހޯދުމުގެ މަސައްކަތް މިހާރު އޭނާ ވަނީ ފަށާފައި. މި އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ތިން ހަފްތާ އާއި ހަ ހަފްތާއާ ދެމެދުގެ މުއްދަތަކަށް އޭނާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ،" އޭނާ ބުންޏެވެ.
ޔޫރޯގައި ޗެކް ރިޕަބްލިކް އޮތީ ކުޅުނު ދެ މެޗުން ލިބުނު ޕޮއިންޓަކާ އެކު "ގްރޫޕް ޑީ"ގެ ތިން ވަނައިގަ އެވެ. އެ ގްރޫޕުގެ އެއް ވަނައިގައި އޮތް ސްޕެއިން އަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ތުރުކީ އަށް ޕޮއިންޓެއް ލިބިފައިނުވާ އިރު، އެ ޓީމަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފަ އެވެ. ގްރޫޕުގެ ފަހު މެޗުގައި ތުރުކީއާ ދެކޮޅަށް ޗެކް ރިޕަބްލިކް ނުކުންނާނީ އަންނަ އަންގާރަ ދުވަހު އެވެ.