ޔޫރޯ ފުޓްބޯޅަ މުބާރާތަށް އަލަށް ކޮލިފައިވި އައިސްލޭންޑުން ހަންގޭރީކޮށްޅަ ލަނޑު ޖަހައި މޮޅުވާން ދަނިކޮށް ފަހުވަގުތު އައިސްލެންޑް ކުޅުތެރިއެއްގެ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑާ އެކު 1-1ގެ ނަތީޖާ އަކުން އެއްވަރުވެ ހަންގޭރީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މެޗު ފެށުނީއްސުރެންވެސް ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އައިސްލެންޑަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމް ވަނީ މެޗުގެ ކުރި ހޯދައިފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރިޔާ އާއި އައިސް ލޭންޑް ބައްދަލުކުރި މެޗުގައި އައިސްލެންޑަށް ލިބުނު ޕެނަލްޓީ ސިގާޑެސަން ފޮނުވާލަނީ --- ފޮޓޯ: އޭޕީ

ހަންގޭރީގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކީޕަރު ގަބޯ ކިރެލާ ކުރި ފައުލަކާ ގުޅިގެން އައިސްލޭންޑަށް ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ގިލްފް ސިގާޑެސަން އެވެ.

އައިސްލެންޑުން ލީޑްގައި އޮވެ ކުޅެމުން ދިޔަ ނަމަވެސް ހަންގޭރީއިން ދިޔައީ ފުލުފުލުގައި އިދިކޮޅު ޓީމްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާ އެއްގެ ގޮތުން ލީޑްގައި އޮވެ މެޗު ނިންމާލަން ދިޔަ އައިސްލެންޑްގެ އުންމީދުތަކަށް ހުރަސް އެޅިގެން ދިޔައީ މެޗުގެ 88 ވަނަ މިނެޓްގައި ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑް ކޮޅަށް ފަހު ވަގުތު ވަތް ގޯލު --- ފޮޓޯ: އޭޕީ

ހަންގޭރީގެ ނަމެންޖް ނިކޮލިޗް ނަގައިދިން ހުރަސް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އައިސްލެންޑްގެ ބިކާ ސީވާސަން ފައިގަ ޖެހި އެޓީމުގެ ގޯލް ތެރެއަށް ވަން ލަނޑާ އެކު މެޗު ނިމުނީ ދެ ޓީމް އެއްވަރު ވެގެންނެވެ.

އެ މެޗު ކާމިޔާބުކޮށްގެން ހަންގޭރި އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް މިހާރު، ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއް ވަނައިގައި އޮތް ހަންގޭރީ އަށް ވަނީ އިތުރު އިންތިޒާރުތަކެއް ކުރަންޖެހިފައެވެ.