19 Jun 2016, 00:04
ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެއްވަނަ މަދަހަ މުބާރާތް ފަށައިފި އެވެ.
އެމްއީސީސީ ގައި ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ހޮނިހިރު ދުވަހު ފެށި އެ މުބާރާތުގައި ހަތަރު އުމުރުފުރާ އަކުން މުޅި ޖުމްލަ 88 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ގުޅީފަޅު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ސްޕޮންސާކޮށްފައިވާ އެ މުބާރާތުގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން ދަރިވަރުންގެ މެދުގައި މަދަހައަށް ލޯބިޖެއްސުމާއި ދީނާއި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުމާއި އެ މުބާރާތުގެ ސަބަބުން މުސްތަގުބަލުގައި ފެންވަރު ރަނގަޅު މަދަހަކިޔުންތެރިންތަކެއް އުފެއްދުން ކަމަށް އެމްއީސީސީން ބުންޏެވެ.
އެ މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ އަބްދުލް ހަންނާނު މޫސާ ދީދީ އާއި އިބްރާހިމް ނިފާރު އަދި މުހައްމަދު ފަޒީލް އެވެ.