18 Jun 2016, 21:43
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ ދެ ވަނަ ފަހަރަށް އުމުރަށް ޖަލަށް ލާން ގާހިރާގެ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖާސޫސް ކުރުމުގެ ކުށް މުރްސީގެ މައްޗަށް ސާބިތުވި އިރު އެ މައްސަލާގައި ހިމެނޭ އިތުރު ހަ މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
ގަތަރަށް ޖާސޫސީ މައުލޫމާތު ހިމެނޭ ލިޔުންތައް ފޯރުކޮށް ދިން ކަމަށް މުރްސީގެ މައްޗަށް ސާބިތު ނުވާ ކަމަށް ފަނޑިޔާރު ނިންމެވި ނަމަވެސް ހުކުމް އައީ ގާނޫނާ ހިލާފު އަމަލެއް މުރުސީ ހިންގަވާފައި ވާތީ ކަމަށް ބުނެ ކަމަށް މުރްސީގެ ވަކީލް އަބްދުލް މޫނީމް އަބްދުލް މާކް ވަނީ އޭއެފްޕީ ނިއުސް އެޖެންސީއަށް ބުނެފަ އެވެ.
މުރްސީގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގައި ޖަލެއް ފަޅާލައިގެން ގައިދީން ނެރުމާއި ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިނުމުގެ ކުށުގައި މަރުގެ ހުކުމް އިއްވައިފަ އެވެ. އަދި އިތުރު ދެ ކުށެއްގައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 20 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
މަރުގެ ހުކުމް މިއަދު އިއްވި ހަ މީހުންގެ ތެރޭގައި ތިން ނޫސްވެރިން ވެސް ހިމެނެ އެވެ. އެ މީހުންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ޣައިރު ހާޒިރުގައި ކަމަށާއި އޭގެތެރެއިން ދެ ނޫސްވެރިން މަސައްކަތް ކުރަނީ ގަތަރުގެ އަލް ޖަޒީރާ ޗެނަލުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.