އޭރު ގަޑިން ދަންވަރު 2:30 އެވެ. ބުރުޒުމަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމައްޗަށް ސައިކަލް މަޑުކޮށްލުމާ އެކު ޒުވާން އުމުރުގެ ފިރިހެނަކު އައެވެ. "ބޭނުމީ ކޮން އެއްޗެއް؟" ފުރަތަމަވެސް ކުރީ އެސުވާލެވެ. އަހަރެން އެނާޖީ ޑްރިންކެއްގެ ނަން ބުނެލީމެވެ. އޭނާގެ އެހީތެރިޔާއަށް ގޮވާލައި އެ އެނާޖީ ޑްރިންކު ގެނައުމަށް ބުނެލި އެވެ. ޖެހިގެން ހުރި ގޯޅިއެއްގެ ތެރެއަށް އެހީތެރިޔާ ވަނެވެ. ދެން އައީ ފިނި ކުރި އެ އެނާޖީ ޑްރިންކް ހިފައިގެންނެވެ. އެތައް ބަޔަކު އެތަނަށް ތަކެތި ގަންނަންގޮސް ތިއްބެވެ.

މިއީ ފިހާރަތައް ބަންދު ކުރުމުން ދަންވަރު ފަށާ ވިޔަފާރިތަކުގެ ވާހަކައެވެ. އެކި ރޭރޭ މަތިން އެމީހުންގެ ހަރަކާތްތައް ބެލިބެލުމުން އެތައް ބަޔަކު އެގޮތަށް ވިޔަފާރިކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި އެގޮތަށް ވިޔަފާރި ކުރާ ކަމަށްބެލެވެނީ ބުރުޒުމަގާއި ކޯރުކެނޑި މަގު ގުޅޭ ހަތަރު އަނގޮޅީގަ އެވެ.

އާންމު ދުވަސްދުވަހު ރޭގަނޑު 10 ޖެހުމާ އެކު ފިހާރަތައް ބަންދު ކުރަންޖެހޭ އިރު ރޭ ގަނޑު 12 ޖެހުމާ އެކު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދު ކުރަންޖެހެ އެވެ. ރޯދަ މަހު އެވަގުތުތައް ވަނީ އެއަށްވުރެ އިތުރުކޮށްފަ އެވެ. ނަމަވެސް އެ އުސޫލާ ހިލާފަށް އެތައް ބަޔަކު ދަނީ ވިޔަފާރި ކުރަމުންނެވެ.

ގަވައިދުން ހިންގާ ފިހާރައެއް ކުރިމަތީން ދެ މީހަކު ހިނގާފައި އަންނަނީ -- ސަން ފައިލް ފޮޓޯ

ފިހާރަތައް ބަންދު ކުރީއްސުރެން އަނެއްކޮޅުން އިރު އަރަންދެން މާލޭގެ އެކި ސަރަހައްދުތަކުގައި ތަފާތު "ގަވައިދާ ހިލާފު ސޭޓުން" ހަރަކާތްތެރިވެ އެވެ. ގިނައިން އުޅެނީ ޒުވާން ފިރިހެނުންނާއި ބިދޭސީންނެވެ. ނަމަވެސް ދެ ތިން އަންހެނަކު ވެސް ވިޔަފާރީގައި އުޅެނިކޮށް ވަނީ ދިމާވެފަ އެވެ.

އެގޮތަށް ވިޔަފާރި ކުރާ ފަރާތްތަކުން އާންމުންކޮށް މީހުން ބޭނުންވާ ގިނަ ސާމާނު ވިއްކަ އެވެ. ވިއްކާ އަދަދަކަށް ބަލާއިރު ބޮޑު ސްޓޮކެއް ގެންގުޅޭ ކަމަށް ބެލެވެ އެވެ. ތަފާތު ވައްތަރުގެ ސިނގިރޭޓާއި ކެއިން ބުއިމަށް ބޭނުންވާ ތަފާތު ތަކެއްޗާއި އެކި ބާވަތްތަކުގެ ބުއިންތައް ވިއްކަ އެވެ. އަދި ޕެޓްރޯލާއި ތައްޔާރީ ކާނާ ވެސް ވިއްކަ އެވެ.

އެމީހުން އެގޮތަށް ވިއްކާ ތަކެތީގެ އަގުތައް ވަނީ އާންމުކޮށް ފިހާރަތަކުން ވިއްކާ އަގުތަކަށް ވުރެ ދެ ތިން ރުފިޔާ އަގު ބޮޑުކޮށްފަ އެވެ. ނަމަވެސް އެތައް ބަޔަކު އެމީހުން ކައިރިއަށް ގޮސް ވިޔަފާރިކޮށް ހަދާ މަންޒަރު ވަނީ ފެނިފަ އެވެ.

ފުޅާދާއިރާއެއްގައި އެކަން ދިވެހިން ކުރާއިރު މަދުން ނަމަވެސް ބިދޭސީން އުޅެ އެވެ. އެމީހުން ގިނައިން ވިއްކަނީ ސިނގިރޭޓެވެ. ދެން ފޯނު ރީޗާޖްކޮށްދިނުމެވެ. ރީޗާޖްކޮށްދިނުމުގައި ގިނައިން އުޅެނީ ދަންވަރު ސެކިއުރިޓީ ބަލަހައްޓަަން ބަހައްޓާ ބިދޭސީންނެވެ. އެކަމުން ބޮޑު އާމްދަނީއެއްހޯދަ އެވެ.

ކޮންމެ ރެއެއްގެ މައްޗަށް 400 ނުވަތަ 600 ރުފިޔާގެ ރީޗާޖް ވިޔަފާރި ކުރާ ކަމަށް ބައެއް ބިދޭސީންބުނެ އެވެ. އެއީ ކަންމަތީ ފިހާރަތަކުން ވެސް އާންމުކޮށް ދުވާލެއްގެ މައްޗަށް އެ ވިޔަފާރި ކުރެވޭ ވަރެވެ. ކާބޯތަކެއްޗާއި އެހެނިހެން ވިޔަފާރި ކުރާ މީހުންނަށް ލިބޭ އާމްދަނީގެ މައުލޫމާތެއް ލިބޭގޮތެއްނުވި އެވެ. އެސުވާލަށް އެމީހުންދޭ ޖަވާބަކީ "ދެން ގޯހެއް ނޫން" މި އެވެ. އެމީހުން ފައިސާ މާރުކޮށްދިނުމަށް ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭތަން ވަނީ ފެނިފަ އެވެ.

މިކަން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް އައިސްފަ އެވެ. ޗީފް އިންސްޕެންޓަރު އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވީ މިހާރަކަށް އައިސް ދަންވަރު ގަޑީގައި ބައެއް ގޭގޭގައި ވިޔަފާރި ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ކާބޯތަކެތީގެ ވިޔަފާރި، ހެދިކާ ފަދަތަކެތި ވިއްކާ، ބަތް ޕާރުސަލް އެއްޗެހި ވިއްކާ މިކަހަލަ ވިޔަފާރިތައް ދަންވަރު ގަޑީގައި ވެސް ކުރަމުންދާކަން ފާހަގަ ކުރެވޭ." ފަތުހުﷲ ވިދާޅުވި އެވެ.

އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާއިރު ވިޔަފާރި ކުރަން ޖެހޭ އުސޫލުތަކުގެ މަތިން އަމަލު ކުރުމަށް ފުލުހުންގެ ފަރާތުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތައް ހޯދައި އިކޮނޮމިކް މިނިސްޓްރީން ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ވެސް ވަނީ ގަވައިދާ ހިލާފަށް ވިޔަފާރި ކުރި 20 ފަރާތެއް ޖޫރިމަނާކޮށްފަ އެވެ. އާންމުކޮށް ޖޫރިމަނާ ކުރަމުންދަނީ 10000 ރުފިޔާއިންނެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ ދަންވަރު ވިޔަފާރިކުރާ ފަރާތްތަކުން ކުށްވެރިވާ ފުރަތަމަ ސަބަބަކީ ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރުމުން ކަމަށާއި އެފަދަ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން 2000 ރުފިޔާ އާއި 10000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަމުންދާނެ ކަމަށެވެ.

އުސޫލުތަކެއް އެކުލަވާލާފައި ވީނަމަވެސް އެއާ ހިލާފަށް ބަޔަކު އެދަނީ ވިޔަފާރި ކުރަމުންނެވެ. ވިޔަފާރިތައް ބަންދު ކުރުމުން މަގުތަކަށް ނުކުންނަ ސޭޓުން މިދަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ. މިއީ ނުގަވައިދުން ހިނގާ ވިޔަފާރިތަކެކެވެ.