ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގައިވާ ގޮތުގެ މަތިން ގާނޫނުތައް ތަންފީޒު ކުރާ ފަރާތްތަކާ އިތުރަށް ގުޅުން ބަދަހި ކުރުމުގެ ގޮތުން ފުލުހުންނާއި ކަސްޓަމްސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން [އެމްއޯޔޫ]އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ސޮއިކުރެއްވީ ފުލުހުންގެ ފަރާތުން ކަމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހެވެ. އަދި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާނެވެ.

އިސްކަންދަރު ބިލްޑިންގްގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްވާން ވިދާޅުވީ މީގެ ހަފްތާއެއް ކުރިން ފާސްކުރި ކަސްޓަމްސް ގާނޫނުގެ ސަބަބުން ކަސްޓަމަށް ލިބިގެންދިޔަ ކުރިއެރުމަކީ ވޭތުވެދިޔަ 120 އަހަރު ދުވަހުގެތެރޭ ގާނޫނެއް ނެތި މަސައްކަތް ކުރަމުން ގޮސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭ ކަސްޓަމްސް އިން މަސައްކަތް ކުރަމުން ދިޔައީ އެހެން މުއައްސަސާތަކުގެ ގާނޫނުތައް ތަންފީޒު ކުރުމަށް ކަމަށް ވެސް އަސްވާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހުވާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެދުހެއްޓުން. އަޅުގަނޑުމެންނާއި ފުލުހުންނާ ގުޅޭ ހިސާބަކީ މިހި ހިސާބު،" އަސްވާން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސީހު ވިދާޅުވީ މިއަދަކީ ގާނޫނު ތަންފީޒުކުރާ ދެ އިދާރާގެ މަސައްކަތައް އާ ބޮޅެއް ގުޅާލެވޭ ދުވަހެއް ކަމަށެވެ. އަދި މިހާރު ވެސް ފުލުހުންނާއި ކަސްޓަމްސްއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށް ފަސީހު ވިދާޅުވި އެވެ. އެހެން ނަމަވެސް ލިޔުމުން އެކަން ފެންނަން އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ކަސްޓަމްސްގެ ބޭފުޅުންނަށް އެއްވެސް ރޮނގެއް ނީންނާނެ ފުލުހުންނާ އެކީ މަސައްކަތް ކުރާކަށް." ފަސީހު ވިދާޅުވި އެވެ.

ކަސްޓަމްސްގެ ބިލް ތަސްދީޤު ކުރުމަށް ފަހު ކަސްޓަމްސް އާއި ފުލުހުންނާ ދެމެދު ސޮއި ކުރި މިއީ ފުރަތަމަ އެމްއޯޔޫ އެވެ.