18 Jun 2016, 21:48
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެއްބަސްވުން ފަރަންސޭސި ވިލާތުން ތަސްދީގުކުރުމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ކުދި ގައުމުތަކުގެ އިއްތިހާދު، އެއޯސިސްގެ ޗެއާގެ ހައިސިއްޔަތުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޕެރިސް އެގްރިމެންޓް އެންމެ ފުރަތަމަ ތަސްދީގު ކުރި ގައުމަކަށް ފަރަންސޭސި ވިލާތް ވުމުން އެކަމާ އުފާކުރައްވާ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެއްބަސްވުން ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަރަންސޭސި ރައީސް ހޮލެންޑޭ ވިދާޅުވީ، އެއްބަސްވުމުގައި ސޮއުކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުން ވެސް މިއަހަރު ނިމުމުގެ ކުރިން އެ އެއްބަސްވުން ތަސްދީގު ކުރުމަށް ވެސް ފަރަންސޭސި ރައީސް ގޮވާލެއްވި އެވެ.
ފަރަންސޭސި ވިލާތުން ޕެރިސް އެގްރިމެންޓް ތަސްދީގުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފަރަންސޭސި ރައީސް ހޮލެންޑޭގެ އިތުރުން އެގައުމުގެ ތިމާވެއްޓާ ބެހޭ ވަޒީރާއި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ފަރާތްތައް ބައިވެރިވި އެވެ.