18 Jun 2016, 20:38
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ރިޕަބްލިކް އޮފް އަޔަލެންޑް އަތުން ފަސޭހަކަމާއެކު މޮޅުވެ، ބެލްޖިއަމް އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.
ސްޓޭޑް ޕިއާ މޯރޭގައި މިރޭ ކުޅުނު "ގްރޫޕް އީ"ގެ މެޗުގައި އަޔަލެންޑްގެ މައްޗަށް ބެލްޖިއަމް ކުރި ހޯދީ 3-0 ލަނޑުންނެވެ.

ޔޫރޯގައި ބެލްޖިއަމް އާއި އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-0 ލަނޑުން ބެލްޖިއަމް ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ
އެ ނަތީޖާއާއެކު ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބެލްޖިއަމް އޮތީ ގްރޫޕްގެ ދެ ވަނައިގައެވެ. އެއް ވަނައިގައި އޮތް އިޓަލީ އަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ސްވިޑަން އާއި އަޔަލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ސްވިޑަން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުން އިޓަލީ ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ދެވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ބެލްޖިއަމް، ސްވިޑަން އަދި އަޔަލެންޑަށް ވެސް އެބައޮތެވެ. ނަމަވެސް ދެވަނަ ބުރުގެ ފަހު ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ ގްރޫޕުގައި ކުޅޭ ފަހު މެޗުތަކަށްފަހު އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް ބެލްޖިއަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގައި ބެލްޖިއަމް އިން ޖެހި ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ.

ޔޫރޯގައި ބެލްޖިއަމް އާއި އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-0 ލަނޑުން ބެލްޖިއަމް ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން ބެލްޖިއަމް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ބެލްޖިއަމް އަށް ލީޑު ހޯދައިދިނީ ރޮމެލޫ ލުކާކޫ އެވެ. އަޔަލެންޑްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ލުކާކޫ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގައި ބެލްޖިއަމް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މުނިއާ ނަގައިދިން ހުރަހަކުން ބެލްޖިއަމް އަށް ލީޑު ފުޅާކޮށްދިނީ އެެކްސެލް ވިޓްސަލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަޔަލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވަރަށް ހުސްކޮށް ހުރެ، ބޮލުން އުފެއްދި ހަަމަލާއަކުންނެވެ.

ޔޫރޯގައި ބެލްޖިއަމް އާއި އަޔަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-0 ލަނޑުން ބެލްޖިއަމް ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ
މެޗުގެ 70 ވަނަ މިނެޓުގައި ބެލްޖިއަމް އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެޑެން ހަޒާޑް ދިން ބޯޅައަކުން ބެލްޖިއަމް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލުކާކޫ އެވެ. އަޔަލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި، ލުކާކޫ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
"ގްރޫޕް އީ"ގައި ކުޅޭ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. އިޓަލީއާ ދެކޮޅަށް އަޔަލެންޑް ނުކުންނަ އިރު، ބެލްޖިއަމް ނުކުންނާނީ ސްވިޑަންއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ އެއް ވަގުތެއްގައެވެ.