ކޮންމެ އަހަރެއްގެ ޖޫން އެކާވީސް ވަނަ ދުވަހު ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް، އިންޑިއާގެ ހައި ކޮމިޝަން އާއި އިންޑިއަން ކަލްޗަރަލް ޗެންޓަރު (އައިސީސީ) އިން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޔޯގާ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 18، 20 އަދި 21 ވަނަ ދުވަހު އެވެ.

އެގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ވަނީ ޔޯގާ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ. އެއަށްފަހު ޔޯގާ އާ ގުޅޭ އެކި މައުލޫމާތު ދިނުމަށް "ޔޯގަތޯން" އެއް ބާއްވައިފަ އެވެ.

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޔޯގަތޯން ގެ ތެރެއިން -- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން

ޔޯގާ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އާންމުނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ހަރަކާތްތަކުގައި ހިލޭ ބައިވެރިވެވޭނެ އެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ޔްނައިޓެޑް ނޭޝަންސް (ޔޫއެން)ގެ އާއްމު މަޖިލީހުން ފާސްކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެދުވަސް ފާހާގަ ކުރަން ޔޫއެންއަށް ހުށަހެޅުއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެވެ. މޯދީގެ އެ ހުށަހެޅުއްވުމަށް އެމެރިކާއާއި ކެނެޑާ ހިމެނޭ ގޮތުން 170 ގައުމަކުން ތާއީދު ކުރި އެވެ. އަދި އެދުވަސް ފާހަގަ ކުރުމަށް އިންޑިއާ އިން ހުށަހެޅި ގަރާރު، ރާއްޖެ ހިމެނޭ ގޮތުން 177 ގައުމަކުން ކޯ ސްޕޮންސާ ކުރި އެވެ.

ރާއްޖޭގެ މީހުންނަށް ޔޯގާ ދަސްކޮށްދިނުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިންގި ޕްރޮގްރާމްތަކުގައި 2400 އަށް ވުރެ ގިނަ މީހުންނަށް އެކަން ދަސްކޮށްދީފައިވާ ކަމަށް ސަހާރޭ މިއަދު ވިދާޅުވި އެވެ.