18 Jun 2016, 21:46
ބަޣްދާދު(ޖޫން 18): އިރާގުގައިވާ އައިއެސް ޖަމާއަތުގެ މައި މަރުކަޒުކަމަށްވާ ފައްލޫޖާގެ ބޮޑުބައެއް އިރާގު ސިފައިން މިނިވަންކޮށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.
އިރާގު ސިފައިންގެ އިސް އޮފިސަރެއްކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ތާލިބް ޝަޣާތީ ވިދާޅުވީ، ފައްލޫޖާގެ މެދުގައިވާ ސަރުކާރުގެ މައި އިމާރާތްތަކާއި އެރަށުގެ އެންމެ އެތެރޭގެ ބައެއް އަވަށްތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މިހާރު ގެނެވިފައިވާ ކަމުގައެވެ. ނަމަވެސް އައިއެސްގެ ހަނގުރާމަވެރިންގެ މަދުބަޔަކު ނޫނީ އެރަށުން އަދިވެސް ނުދާކަމަށާ އެމީހުން ގެންދަނީ އަމިއްލައަށް މަރުވުމުގެ ޙަމަލާތައްދީގެން އިރާގު ސިފައިންގެ ވީހާވެސް ގިނަބަޔަކު މެރުމަށް ރާވަމުން ކަމަށް ޖެނެރަލް ތާލިބް ވިދާޅުވިއެވެ.
ފައްލޫޖާ މިނިވަންކުރުމަށް އިރާގު ސިފައިން މިދިޔަ މަހުގެ ފަހުކޮޅު ފެށި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ފައްލޫޖާގެ އާންމުންގެ ހަތްދިހަ ވަރަކަށް ހާސްމީހުން ވަނީ އެރަށް ދޫކޮށް ރެފިއުޖީންގެ ގޮތުގައި ނުކުމެފައެވެ. ބާކީތިބި މީހުން ތިބީ އައިއެސްގެ ކޮންޓްރޯލްގެ ދަށުގައެވެ.
އައިއެސްއިން ގެންދަނީ އިރާގު ސިފައިންގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި އިންސާނީ އައްޑަނައެއްގެ ގޮތުގައި އެމީހުން ބޭނުންކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިއެސްގެ ހަނގުރާމަވެރިން
އިރާގު ސިފައިންގެ އިސް އޮފިސަރެއްކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ތާލިބް ޝަޣާތީ ވިދާޅުވީ ފައްލޫޖާ އެއްކޮށް މިނިވަންކުރަން ދަތިވަނީ އެރަށުގައި ތިބި އާންމުންގެ ފުރާނައަށް ބަލަންޖެހޭތީ ކަމަށާ އެހެންނޫންނަމަ ދެދުވަހެއްގެ ތެރޭގައި ފައްލޫޖާއިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވިދާނެ ކަމުގައެވެ. އަދި ލޭ އޮހޮރުވުން ކުޑަކުރުމަށްޓަކައި ފައްލޫޖާ ދޫކޮށް ދިޔުމަށް އައިއެސްގެ ހަނގުރާމަވެރިން ބޭނުންނަމަ އެފުރްސަތުވެސް އެމީހުންނަށް ދެވިދާނެކަމަށާ ނަމަވެސް ފައްލޫޖާ އެއްކޮށް މިނިވަންކޮށްފައިނޫނީ އިރާގުގެ ލަޝްކަރުތައް އެރަށުން ނުފައިބާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްލޫޖާ ދޫކޮށްފައި ދާނަމަ އައިއެސްގެ ހަނގުރާމަވެރިން ދާނެކަމަށް ބެލެވެނީ އިރާގުގެ އުތުރުގައިވާ މޫސަލް އަށެވެ. ނަމަވެސް މޫސަލްގެ ރައްޔިތުންތިބީ އައިއެސްގެ އަނިޔާވެރިކަމުގެ ސަބަބުން އެޖަމާއަތާ ދެކޮޅަށް އިންތިފާޟާއެއް ފަށާފަދަ ހާލަތެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. އިރާގުގެ ވެރިރަށް ބަޣްދާދާ ގާތްގަނޑަކަށް 50 ލިކޯމީޓަރު ދުރުގައިވާ ފައްލޫޖާ މިނިވަންކުރުމަކީ ބަޣްދާދުގެ ރައްޔިތުންނަށް އަމަން އަމާންކަން ލިބިގެންދާނެކަމެއްކަމަށް އިރާގު އަމަނާބެހޭ ފަރާތްތަކުން ދެކެއެވެ.
ބަޣްދާދާ 50 ކިލޯމީޓަރުގެ ކައިރީގައި އައިއެސްގެ މައިމަރުކަޒުތައް ހުރުމުގެ ސަބަބުން ބަޣްދާދުގެ ބާޒާރުތަކާއި މަގުމަތީގައި ކާރުބޮންތައް ގޮއްވައި ޓެރަރިސްޓް ހަމަލާތައްދީ ޑަޒަން ޑަޒަނަށް އާންމުން މެރުމުގެ ފުރްސަތު އައިއެސް ޖަމާއަތަށް ލިބިފައިވެއެވެ.
އިރާގު ސިފައިންނަށް ފައްލޫޖާއިން މިހާބޮޑު ކާމިޔާބީއެއް ލިބިގެން ދިޔައީ އެމެރިކާގެ ވައިގެ ސިފައިންގެ އެހީތެރިކަމާއެކުގައެވެ. އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރުތަކުންނާއި ފައިޓަރ ޖެޓްތަކުން ގެންދަނީ އައިއެސްގެ އަމާޒުތަކަށް ގަދަފަދަ ވައިގެ ހަމަލާތައް ދެމުންނެވެ. އެހެންކަމުން އައިއެސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭނީ ފައްލޫޖާގެ ގެތަކުގައި އާންމުން އިންސާނީ އައްޑަނައަކަށް ހަދައިގެންކަމަށްވެއެވެ. މީގެއިތުރުން އިރާގާއި އީރާނުގެ 8 އަހަރުވީ ހަނގުރާމައިގެ ތަޖްރިބާތައް ލިބިފައިވާ އީރާން ސިފައިންގެ އިސް އަސްކަރީ ތަޖްރިބާކާރުންގެ ލަފައާއި މަޝްވަރާވެސް އިރާގު ސިފައިންނަށް ލިބެމުންދެއެވެ. (ރޮއިޓާސް)