18 Jun 2016, 14:08
ރިއޯ (ޖޫން 18): އޮލިމްޕިކްސް ބާއްވަން 48 ދުވަހަށް ވެފައި ވަނިކޮށް ބުރެޒިލްގެ ރިއޯޑި ޖެނީރިއޯ ސްޓޭޓުން އިގުތިސާދީ ގޮތުން ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.
ރިއޯގެ އޮފިޝަލް ގެޒެޓުގައިވާ ގޮތުން އެސްޓޭޓު ސަލާމަތާއި ސިއްހަތާއި ތައުލީމާއި ދަތުރުފަތުރާއި ތިމާވެށްޓާ ބެހޭ ކަންތައްތައް ހިންގުން "އެއްކޮށް ހުއްޓުމަކަށް އަޔަ ނުދިނުމަށްޓަކައި" އެމާޖެންސީ ފިޔަވަޅު އަޅަން ޖެހެ އެވެ.
ރިއޯގެ އިގުތިސާދު ހީނަރުވެފައި ވަނީ ތެލުގެ އަގު ދަށްވުމުން ކަމަށް ރިއޯގެ ގަވަރުނަރު ފްރަންސިސްކޯ ޑޯނެލްސް ވިދާޅުވި އެވެ.
ބްރެޒިލްގެ ވަގުތީ ރައީސް، މިޝޭލް ޓެމާ ވަނީ ސަރުކާރުން ސްޓޭޓަށް މާލީ އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިއޯގެ މޭޔަރު އެޑުއާޑޯ ޕައެސް ވަނީ ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް އޮލިމްޕިކްސް ލަސް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ސްޓޭޓުގެ އިގުތިސާދީ ކުއްލި ހާލަތުގެ ސަބަބުން އޮލިމްޕިކްސްއަށް ރިއޯއިން ކުރަން ބުނެފައިވާ ކަންތައްތަކާއި ޕްރޮޖެކްޓުތަކަށް ލަސްކަމެއް ނާންނާނެ،" މޭޔަރު ވިދާޅުވި އެވެ.
އޮލިމްޕިކްސް ތެރޭގައި ރިއޯއަށް 500،000 ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް އެސްޓޭޓުން ލަފާ ކުރެ އެވެ. (ރޮއިޓާސް)