ކުރީގެ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވެވި އަދި ރައީސް މައުމޫނާ ގާތް ކަމެއް އޮންނަ ޝައިހު މުހައްމަދު ގުބާދު އަބޫބަކުރު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހު އަންޑަ ސެކެރްޓަރީ ކަމަށް ހަމަޖައްސަވައިފި އެވެ. އެމްޑީޕީގެ އެތެރޭ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ގުބާދަކީ ރައީސް މައުމޫނުގެ މައްޗަށް ކުރީގެ އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރިވި ދުސްތޫރީ އަދި ގާނޫނީ މައްސަލަތަކުގައި މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނި ވަޑައިގެންނެވި އިލްމުވެރިއެކެވެ.

ކުރީގެ ސަރުކާރުގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ނައިބު ރައީސްކަމާއި ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި ޑިރެކްޓަ ކަން ވެސް ގުބާދު އަދާކުރެއްވެވި އެވެ. މީގެ އިތުރުން ދާދިފަހަކާ ޖެހެންދެން ވެސް ގުބާދު ގެންދެވީ މައުމޫން ފައުންޑޭޝަނުން ބާއްވާ ދަރުސްތަކުގައި ތަޤްރީރު ކުރައްވަމުންނެވެ.
.

ގުބާދުގެ އިތުރުން ވެސް ދެބޭފުޅަށް ރައީސް މިއަދު ވަނީ މަގާމު އަރުވާފަ އެވެ. އެ ގޮތުން މިނިސްޓަ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުގެ މަގާމަށް މާފަންނު މިސުރުރުވާގޭ އާމިނަތު ހައިފާ ނަޢީމާއި، އަދި މިނިސްޓާ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބުގެ މަގާމަށް މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސީޓުމާގޭ އާދަމް ސަޢީދެވެ. އާދަމް ސަޢީދު މިހާތަނަށް ހުންނެވީ، މަތިއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމުގައެވެ.