ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ހިންގަވަމުން އަންނަ، ފައިސަލް ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ބާއްވަމުން އަންނަ ގުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި އެވެ.

ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނީ ޤުރްއާން ކިޔެވުމުގެ މުބާރާތް"،ގެ ނަމުގައި އެ ފައުންޑޭޝަނުން ކުރިއަށް ގެންދާ މުބާރާތް ހުޅުވާލާފައި ވަނީ ކ.ކާށިދޫ އަދި ގާފަރުގެ ރައްޔިތުންނަށެވެ.

ފައިސަލް ފައުންޑޭޝަނުން މިއަދު ބުނީ މިއީ އެ މުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާ ހަ ވަނަ އަހަރު ކަމަށާއި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދީނީ ކަންކަމަށް ކުޑަކުދިންނާއި ބޮޑެތި މީހުން އަހުލުވެރިކުރުމާއި ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ކުރިއެރުވުން ކަމަށެވެ.

ފައިސަލް ފައުންޑޭޝަންގެ ގުރުއާން މުބާރާތުގެ ތެރެއިން --- ފޮޓޯ: ފައިސަލް ފައުންޑޭޝަން

އަދި މި އަހަރުގެ މުބާރާތުގައި ދެ ރަށުން 203 ބައިވެރިން މުބާރާތުގައި ކިޔަވާނެ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ކާށިދޫގެ 73 ބައިވެރިންނާއި ގާފަރުގެ 130 ބައިވެރިން ކަމަށް ފައިސަލް ފައުންޑޭޝަނުން ބުނެ އެވެ.

އެ މުބާރާތުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ކާށިދޫގެ ކިޔެވުމެވެ. ގާފަރުގެ ބައިވެރިން ކިޔަވަން ހަމަޖެހިފައި ވަނީ މިއަދު އެވެ.

އެ މުބާރާތުގެ ބައިވެރިން ކިޔަވާ އުމުރުފުރާތަކަކީ ހަ އަހަރުން ދަށް، ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް، އަދި 19 އަހަރުން މަތީގެ އުމުރު ފުރާ އެވެ.

މުބާރާތުގެ އެއްވަނައަށް ދާ ބައިވެރިޔަކަށް މެމްބަރު އަދި ފައުންޑޭޝަންގެ ފައުންޑާ ފައިސަލް ނަސީމް ހުށަހަޅުއްވާފައިވާ އުމްރާ ދަތުރެއް ލިބޭނެ އެވެ.