18 Jun 2016, 13:11
އެއީ މުޅި ނޭޕާލްގައިވެސް ވަރަށް މަޝްހޫރު ފަންނާނެކެވެ. މޮޑެލް ކުރުމާއި ލަވަ ކިޔުމާއި ފިލްމީ ދާއިރާގައެވެ. އުފަންވީ ބުދުދީނުގެ އާއިލާއަކަށެވެ. ފުރާވަރު އުމުރުން ފެށިގެން ރާބުއިމާއި ޑިސްކޯކުރުމާއި، ސިނގިރެޓު ބުއިން ފަދަ އަމަލުތަކަކީ އެންމެ ގާތް އެކުވެރީންނާއި އޭނާގެ ކިބައިގައިވެސް ވަކިހިއްޕާލާފައި ހުރި އާދަތަކެވެ. އޭރު އުމުރުން 28 އަހަރުގެ މަޝްހޫރު ފިލްމީ ތަރި އިސްލާމްދީން ގަބޫލުކުރުން ވެގެން ދިޔައީ މުޅި ނޭޕާލާއި އަދި އިންޑިއާގައި ވެސް އެތަކެއް ބަޔަކަށް ސިހުންގެނުވި ޚަބަރަކަށެވެ.
އެހެނިހެން ފިލްމީ ތަރީންނާއި އެނޫންވެސް އެފަދަ ފަންނާނުންގެ ހަޔާތުގައި ކޮންމެވެސް ހިސާބަކުން މައްސަލަތަކެއް ކުރިމަތިވެ ދިރިއުޅުމަށް ހީނުކުރާވަރުގެ ބަދަލުތައް އަންނަ ފަހަރު މަދެއް ނޫނެވެ. ޕޫޖާގެ ހަޔާތުގައި ވެސް އެފަދަ ނަފްސާނީގޮތުން ހިތްދަތި ދުވަސްތަކެއް ކުރިމަތިިވިއެވެ. އަދި އެކަންކަމަށް ކެތް ނުކުރެވިގެން އަމިއްލައަށް މަރުވާންވެސް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އެ ނުބައި އަމަލު އޭނާ އަބަދަށް ކަސްތޮޅުއެޅުވުމުގެ ކުރީން އޭނާއަށް އިސްލާމީ މަތިވެރި ހިދާޔަތުގެ ފޮނިމީރުކަން އިހްސާސް ކުރެވުނީއެވެ. އަދި ސަލާމާތުގެ އައްސޭރި ލިބުނީއެވެ. އިސްލާމް ވުމަށްފަހު ޕޫޖާ ލަމާގެ ނަމުން އާމްނާ ފާރޫޤީ ގެ ނަމަށް އޭނާގެ ނަން ބަދަލުކުރިއެވެ. އެއީ 2010 ވަނަ ވަނަ އަހަރުގެ ފަހު ކޮޅެވެ.
"އަހަރެންގެ ހިތަށް ވެރިވީ އެހެން ދީންތަކާ ބެހޭގޮތުން އިތުރަށް ކިޔަވަން. އެގޮތުން ހިންދޫ ދީން، މަސީހީ ދީން، އަދި އިސްލާމް ދީނާ ގުޅޭ ގޮތުންވެސް ވަރަށް ބައިވަރު މައުލޫމާތު އެެއްކޮށް ހުރިހާ ދީންތަކެއް އަޅައިކިޔުމުގެ ދިރާސާއެއް ކުރިން. އެދުވަސްވަރު އަހަރެން ދުބާއީ އާއި ގަތަރަށް ދަތުރެއް ކުރިން. އަދި އިސްލާމީ ސިވިލައިޒޭޝަން ފެނި އަހަރެން ހަމަ ރަނގަޅަށް ވެސް އާޝޯޚްވި،" އިސްލާމްދީނާމެދު ޝައުގުވެރިކަން އުފެދުނު ގޮތް އާމްނާ ކިޔައިދިނެވެ.
"އިސްލާމް ދީން ގަބޫލުކުރުމަށް އެންމެ ބޮޑަށް އަހަރެން ޝައުގުވެރި ކުރުވި ކަމަކީ އަޅުކަން ކުރެވޭ ހަމަ އެކަނި ފަރާތަކީ ﷲ ކަމާއި، އީމާންވާން ޖެހޭ ހަމައެކަނި ފަރާތަކީ ވެސް އެއީ ކަމަށް އޮންނަ ވަރުގަދަ އަގީދާ. މިއީ އެހެން ދީންތަކުން އަހަންނަށް ފެނުނު ކަންތައްތަކެއް ނޫން."
އާމްނާ ފާރޫޤީ ނުވަތަ ކުރިން ޕޫޖާ ލަމާ އިސްލާމް ވުމާއެކު މީޑިއާގައި އޭނާއާ ބެހޭގޮތުން ތަފާތު ވާހަކަތައް ފަތުރާން ފެށިއެވެ. އެގޮތުން އޭނާ އިސްލާމްދީން ގަބޫލުކުރީ މުސްލިމް ފިރިހެނަކާ ލޯބީގެ ގޮތުން ގުޅިގެން އޭނާއާ ކައިވެނިކުރުމަށް ކަމަށް އަޑުތައް ފެތުރިއެވެ.
"އެއްވެސް ހަގީގަތެއް ނެތް ހަބަރުތަކެއް. އަހަރެންގެ ބައެއް ރަހްމަތްތެރީންނަކީ މުސްލިމުން. އެކަމަކު އަހަރެން މުސްލިމް ފިރިހެނަކާ ގުޅިގެން އިސްލާމްވީއޭ ބުނާ ވާހަކަތަކަކީ ހަގީގަތެއް ނޫން . އާނ! މިހާރު އަހަންނަކީ މުސްލިމެއް، އިރާދަކުރެއްވިއްޔާ އަދި ކޮންމެވެސް ދުވަހަކުން މުސްލިމަކާ ކައިވެނިވެސް ކުރާނަން. އެކަން ވުމުން އަހަރެން އެވާހަކަތައް ހިއްސާކުރާނަން،" އަމްނާ ކިޔައިދިނެވެ.
"އަހަރެން ބޭނުމެއް ނޫން އަހަރެންގެ އަމިއްލަ ދިރިއުޅުމާ ބެހޭ ވާހަކަތައް މީޑިއާއިން އެކި ގޮތްގޮތަށް ގެނެސް އަހަރެން ބަދުނާމުކޮށް ހަދާކަށް. އަހެރެން އިސްލާމްވުމުގެ ކުރީން ތިން ކައިވެންޏެއް ކުރިން. އެއަށްފަހު މުޅިން އެކަނިވެރިވި. އަހަރެންގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބުނު، އެ ދަރިފުޅު ހުންނަނީ އަހަރެންގެ މަންމަ ކައިރީ. އެހެންނަމަވެސް މި ހުރިހާ ވާހަކަތަކެއް މުޅިން އެހެން ގޮތްގޮތަށް އަނބުރައި މީޑިއާގައި ފަތުރާން ފެށި. އެއީ އެމީހުންގެ ވިޔަފާރި. އަހަރެން މަގުބޫލުކަން ހޯދަން ކުރި ކަންކަމޭ ބުނެ ވާހަކަތައް ފެތުރި. އެކަމުން އަހަންނަށް ލިބުނީ ހިތްދަތިކަން. ހަގީގަތަކީ އެހުރިހާ ކަމަކާ މާޔޫސްވެ ކެތްނުކުރެވިގެން އަހަރެން އަމިއްލައަށް މަރުވާން އުޅުނީ،" އަމްނާ ބުންޏެވެ.
އާމްނާ ބުނީ އެހިސާބުން އޭނާގެ ރަހްމަތްތެރީންގެ އެހިތެރިކަމާއެކު މާޒީ ހަނދާނަތާލުމަށް މަސައްކަތް ފެށީ ކަމަށެވެ. ރަނގަޅު ގޮތެއް ހޯދުމަށް ދީނީ ފޮތްތައް ކިޔައި ތަފާތު މައުލޫމާތުތައް އެއްކޮށް އެންމެ ފަހުން އިސްލާމްދީން އިހްތިޔާރުކުރީ ކަމަށެވެ.
އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުމާއެކު އަމްނާގެ ހަޔާތަށް ވެސް ބޮޑެތި ބަދަލުތަކެއް އައެއެވެ. ހިޖާބުއަޅައި އިސްތަށިގަނޑު ފޮރުވިއެވެ. ރާބުއިމާއި ސިނގިރެޓާއި އެނޫންވެސް އެފަދަ ނުބައި އާދަތަކުން ދުރުހެލިވިއެވެ. އެއާއެކު އޭނާއާއެކު ފިލްމީ އަދި މިއުޒިކީ ދާއިރާގައި މަސައްކަތްކުރި ހުރިހާ ޕްރޮޑިއުސަރުންނާ އޭނާއާ ގުޅުން ކަނޑައިލިއެވެ.
"ފުރަތަމަ ކަމަކަށް އަހަންނަށް ޕޫޖާ ޖީއޭ ކިޔާފަ މުހާތަބު ނުކުރޭ. އެއީ އަހަރެންގެ މާޒީ. މިހާރު އަހަންނަކީ އަމްނާ ފާރޫގު. އިސްލާމްވުމުގެ ކުރިން އަހަރެންގެ ހަޔާތަކީ ކަންބޮޑުވުމާއި ހާސްކަމުން ފުރިފައިއޮތް ހަޔާތެއް. އެހެންވެ ރަލާއި ސިގިރޭޓަކީ އޭރު އަހަންނަށް ލިބުނު އެންމެ ބޮޑު އެހީތެރިކަން. ގިނަވަގުތު ހުންނަނީ ހަމައިގައެއް ނޫން. ވަށައިގެން ވަނީ އަނދިރިކަން. އެކަމަކު އިސްލާމްދީން އަހަރެން އުފާވެރިކަމުގެ ތެރެއަށް ނޭވާލައްވައިދީފި. މިހާރު އަހަރެން ހަލާލު ތަކެތި ނޫންއެއްޗެއް ނުކަން،" އިސްލާމްވުމަށްފަހު އަބްދުއް ސަބޫރު ނަދުވީ ކިޔާ ރިޕޯޓަރަކަށް އަމްނާ އޭނާގެ ހަޔާތުގެ ާވާހަކަތައް ހިއްސާކުރިއެވެ.
އިސްލާމް ދީނާ ދެކޮޅަށް ފަތުރަމުންދާ ޕްރޮޕަގެންޑާ ތަކަކީވެސް އިސްލާމްވުމަށް ލިބުނު ހިތްވަރެއްކަން ފާހަގަކުރަމުން އަންމާ ބުނީ، އިސްލާމް ދީނާ ބެހޭގޮތުން އޭނާ ކުރި ދިރާސާއިން ހާމަވީ، ދުނިޔޭގައި އިންސާނިއްޔަތު ކަމާއި އިންސާފާއި ހަމަހަމަކަން އެކުލެވިގެންވާ ހަމަ އެކަނި ދީނަކީ އިސްލާމްދީން ކަމެވެ. އަދި އެ މަތިވެރި ދީނުގެ ފުރިހަމަ ކަމަކީ ކޮންމެ ކަމަކަށް ވެސް ހައްލެއް އޮތުން ކަމާށާއި، އިސްލާމްދީނުގެ މަތިވެރި ނޫރު ނުފެނުނު ނަމަ އަދިވެސް ހުންނާން ޖެހޭނީ ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
އަމްނާގެ އާއިލާއަށް އޭނާ އިސްލާވި ވާހަކަ ހިއްސާކުރިއެވެ. ބުދުދީނުގެ އެހެނިހެން އާއިލާތަކުން މިފަދަ ކަންކަމުގައި އިޖާބަދިނުމުގައި ކަންކުރާ ގޮތާއި އޭނާގެ އާއިލާއިން ކަންކުރިގޮތް ވަރަށްވެސް ތަފާތެވެ. އެއީ ކުޅަދުންވަންތަ ކަމެވެ.
"އިންޑިއާގެ ޑަރްޖީލިންގައި ދިރިއުޅޭ އަހަރެންގެ އާއިލާއަށް، އިސްލާމް ވުމަށްފަހު އަހަރެން އެކަން އެންގިން. އަހަރެންގެ މަންމަ ފުރިހަމަ އެއްބާރުލުން ދިން،" އޭނާ ބުންޏެވެ.
" އޭ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ތި އިހްތިޔާރުކުރީ އެންމެ ރަނގަޅު މަގެވެ. ދަރިފުޅު އުފަލުގައި ހުރުމުން އަހަރެމެންނަށް އުފާވެރިކަން ލިބެއެވެ. " އަހަރެންގެ މިހާރުގެ ހާލަތު ފެނިއްޖެ ނަމަ އާއިލާ މީހުން ބުނާނެތެވެ.
އަމްނާ ބުނީ މިހާރު އޭނާއަކީ، މުޅިން ބަދަލުވެ، ހުރިހާ ގޯސް އާދަތަކާ ދުރުވެފައިވާ މީހެއްކަމަށެވެ. އަދި އޭނާގެ މި ބަދަލު އޭނާގެ އާއިލާއިން އުފަލާއެކު ބަލައިގަންނަކަމަށެވެ.