18 Jun 2016, 12:32
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރޯދަ މަހު އުމުރާއަށް ފުރާ ފަހު ގްރޫޕު އަދި ދެ ވަނަ ގްރޫޕް އިއްޔެ ފުރައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު ސަން އަށް ވިދާޅުވީ ފުރަތަމަ 10 އެއްގައި 16 މީހަކު އެކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމުރާގެ އަޅުކަން ކުރުމަށް ގޮސްފައިވާ އިރު އިއްޔެ 100 މީހުން އުމުރާއަށް ގޮސްފައިވާ ކަމަށެވެ.
ފުރަތަމަ ބުރުގައި އުމުރާއަށް ދިޔަ ފަރާތްތަކުން 10 ދުވަސް އެކޮޅުގައި ހޭދަކުރި އިރު އިއްޔެ ފުރި ގްރޫޕުން 15 އަށް ވުރެ ގިނަ ދުވަސް އުމުރާގެ އަޅުކަމުގައި ހޭދަ ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މިއީ ފުރަތަމަ 10 އަކަށް އުމުރާއަށް އެ ކޯޕަރޭޝަންގެ ފަރާތުން މީހުން ގެންދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޯދަ މަހު އުމުރާތަކަށް އެކޯޕަރޭޝަން އިން މީހުން ގެންދަނީ ރޯދަ މަހުގެ ފަހު 15 އަކަށެވެ.