ޖަކާޓާ (ޖޫން 18): އިންޑޮނޭޝިއާގެ ޕަރުޓާމިނާ ކުންފުނިން ހިންގާ ފަސް ގޭސް ސްޓޭޝަނެއްގައި ހުންނަ ނަމާދު ކުރާ ކޮޓަރިތަކުގައި ރޯދަ މަހު ގުރުއާނުން އެއް ފޮތް ކިޔާވާ ކޮންމެ މީހަކަށް ދެ ލީޓަރު ތެޔޮ ހިލޭ ދޭން އެކުންފުނިން ވަނީ ނިންމައިފަ އެވެ.

ގޭސް ސްޓޭޝަންތަކުގައި ހަދާފައިވާ ނަމާދު ކުރާ ކޮޓަރިތަކަށް ވަންނަނީ ރެޖިސްޓްރޭޝަން ފޯމެއް ފުރުމަށް ފަހުގަ އެވެ. އަދި އެކޮޓަރިތަކުގައިވާ މުސްހަފުތަކުން އެމީހަކު ބޭނުން ފޮތެއް ކިޔެވޭނެ އެވެ.

ނަމަވެސް، އެކޮޓަރިތަކުގައި ގުރުއާން ކިޔަވާ މިންވަރު ބަލަން އޮފިޝަލަކު ނުހުރެ އެވެ. އޭގެ ސަބަބަކީ ގުރުއާން ކިޔަވާ ސެޝަނަކީ "އިތުބާރާއި ތެދުވެރިކަމަށް" ބިނާ ކޮށްފައިވާ ސެޝަނަކަށްވުން ކަމަށާއި އޭގެ ސަބަބުން އެގައުމުގައި އިސްލާމް ދީން ޕްރޮމޯޓުވެ ގުރުއާން ކިޔެވުމަށް އާއްމުންނަށް ހިތްވަރު ލިބޭނެ ކަމަށް ކުންފުނިން ބުނެފައިވެ އެވެ.

"އަޅުގަނޑުމެން ބޭނުން ގުރުއާން ކިޔަވަން ލޯބި ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރަން. އެފަރާތްތަކުން ކިޔަވާ ގުރުއާނުގެ ކޮންމެ ފޮތަކަށް އަޅުގަނޑުމެން ދެ ލިޓާރު ތެޔޮ ހިލޭ ދޭނަން. އެއީ ފައިދާއެއް ހޯދުމަށް ކުރާ ކަމެއް ނޫން،" ޕަރުޓާމިނާގެ ގޭސް ސްޓޭޝަނެއް ހިންގާ ފަރާތެއް ކަމަށްވާ، އާރިފް ބުދިމަން ވިދާޅުވި އެވެ.

އިންޑޮނޭޝިއާގެ 250 މީލިއަން މީހުންގެ އާބާދީގެ 90 ޕަސެންޓު މީހުންނަކީ މުސްލިމުންނެވެ. (ރޮއިޓާސް)