އިއްޔެ ރިލީޒްކުރި، އަބީޝެކް ޗޯބޭގެ ފިލްމު "އުޅްތާ ޕަންޖާބު"ގައި އަރަމުން އަންނަ ތަރި އާލިއާ ބަޓް ދައްކުވައިދީފައިވާ އެކްޓިން އިން އޭނާ އަށް ގައުމީ އެވޯދު ލިބުން ހައްގު ކަމަށް އެ ފިލްމުގެ ލީޑު ރޯލުން ފެންނަ ޝާހިދު ކަޕޫރު ބުނެފި އެވެ.

އިއްޔެ ފިލްމު ރިލީޒް ކޮށްފައިވާ އިރު، ފާޑުކިޔާ ފަރާތްތަކުގެ އިތުރުން ބެލުންތެރިންގެ ފަރާތުން ވެސް ފިލްމަށް އަންނަނީ ތައުރީފު އޮއްސަމުންނެވެ. ހާއްސަކޮށް ޝާހިދު އަދި އާލިއާ އެ ފިލްމުގައި ދައްކައިދީފައިވާ އެކްޓިންގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.

ޝާހިދު އަދި އާލިއާ ---

އެ ފިލްމުގައި ޝާހިދު ކުޅުނު ރޯލަށް ގައުމީ އެވޯޑެއް ލިބޭނެ ކަމަށް އުންމީދު ކުރަންތޯ އެހުމުން ޝާހިދު ބުނެފައި ވަނީ، ފިލްމު "ހައިދަރު"ގައި އޭނާ ކުޅުނު ރޯލަށް ވެސް ގައުމީ އެވޯޑު ލިބޭނެ ކަމަށް ބަޔަކު ބުނުމުން ވަރަށް ބޮޑަށް އެކަމަށް އުންމީދު ކުރެވުނު ކަމަށެވެ.

"އެކަމަކު އެކަހަލަ ވިސްނުމެއް ދެން ނުގެންގުޅޭނަން. އަހަންނަށް އެވޯޑު ލިބޭނެ ކަމަށް ބަޔަކަށް އުންމީދު ކުރެވޭ ނަމަ އެކަމާ އަހަރެން ވަރަށް އުފާވޭ،" ޝާހިދު ބުންޏެވެ.

"އުޅްތާ ޕަންޖާބު"ގައި ޝާހިދު ދައްކުވައިދީފައި ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ރޮކްސްޓާރެއްގެ ރޯލެވެ. އަދި އާލިއާ އަދާކޮށްފައި ވަނީ ބިހާރުން ޕަންޖާބަށް ހިޖުރަކޮށްގެން އުޅޭ މީހެއްގެ ރޯލެވެ. އޭނާ އަކީ އެ ފިލްމުގައި ހޮކީ ކުޅުންތެރިއެކެވެ.

"އުޅްތާ ޕަންޖާބު" ގެ މަންޒަރެއްގައި ޝާހިދު: އެ ފިލްމުގައި އޭނާ ފެނިގެންދާނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ރޮކްސްޓާރެއްގެ ރޯލުން ---

ޝާހިދު ބުނީ ފިލްމަށް އެއްބަސްވުމުގެ ކުރިން، އެފަދަ ރޯލެއް ކުޅެގެން މީހުން އެނާ ބަލައިނުގަނެފާނެތީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވި ކަމަށެވެ.

"އާލިއާ އަށް ގައުމީ އެވޯޑު ލިބެންވާނެ މި ފިލްމުން،" އާލިއާ އަށް ތައުރީފު ކުރަމުން ޝާހިދު ބުންޏެވެ.

ޝާހިދުގެ ކޮމެންޓާ ގުޅިގެން އާލިއާ ބުނީ، އެވޯޑު ލިބިއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށާއި ނަމަވެސް ބެލުންތެރިންގެ ރުހުން އެއީ އެންމެ މުހިންމު އެވޯޑު ކަމަށެވެ.

އާލިއާ އަދި ޝާހިދު ވަނީ މީގެ ކުރިން "ޝާންދާރު" ފިލްމުގައި ވެސް އެކުގައި މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ފިލްމު ވެގެންދިޔައީ ބޮޑު ފްލޮޕަކަށެވެ.