19:00


ނޭޕާލުގެ ބޮޑުވަޒީރު މާދަވް ކުމާރު މަގާމުން ދުރުކޮށް ވެރިކަމަށް މާއޮއިސްޓުން އަލުން ގެނައުމަށް ޓަކައި ވެރިރަށް ކަތުމަންޑޫގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.


ކަތުމަންޑޫގައި ހަރަކާތްތެރިވާ އެގައުމުގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި މިމުޒާހަރާގައި 150 ހާހަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. ނަމަވެސް މާއޮއިސްޓް ޖަމާއަތުގެ އޮފިޝަލުން ބުނެފައިވަނީ ހަލައްކައަށް ވުރެ ގިނަ މީހުން މުޒާހަރާ ކުރަމުންދާ ކަމަށެވެ.


ނޭޕާލުގެ ފުލުހުން އިތުރަށް ބުނެފައިވަނީ މުޒާހަރާގައި އެއްވެސް ލޭއޮހޮރުވުމެއް އަދި ހިނގާފައިނުވާ ކަމަށާއި އެފަދަ ކަމެއް ހިނގާފާނެ ކަމުގެ އަލާމާތެއް އަދި ފެނިފައިނުވާ ކަމަށެވެ. ނަމަވެސް މުޒާހަރާތެރޭގައި ފުލުހުން ތިބޭނީ އަބަދުވެސް ސަމާލުވެގެން ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


މިމުޒާހަރާގައި މާއޮއިސްޓުން ގޮވަމުންދަނީ ބޮޑުވަޒީރާއި އޭނާގެ ސަރުކާރު މިއަދު އިސްތިއުފާ ދެއްވުމަށެވެ. އަދި މިއަދުގެ ނިޔަލަށް އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެނަމަ މުޒާހަރާ އިތުރަށް ހޫނުވެގެން ހިނގައިދާނެ ކަމަށް ވެސް މާއޮއިސްޓުން ވަނީ ބުނެފަ އެވެ.


މާއޮއިސްޓުންނަކީ ނޭޕާލްގެ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ބަޔަކަށް ވާއިރު އެ ޕާޓީއަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވާ ޕާޓީވެސްމެ އެވެ.