ކެރަލާގެ ޕެރުމްބަލަމް އަވަށަށް ނިސްބަތްވާ ސާދަ އަހަރުގެ އަރުޖުން ސަންތޯޝް، އެހެން ކުދިންނެކޭ އެއްފަދަ އިން ކޮންމެ ދުވަހަކު ސްކޫލަށް ދަނީ އެ އަވަށުގެ ކައިރީ އޮންނަ ޕޫތޮއްޓާ އަށެވެ. ނަމަވެސް ދެއަވަށުގެ މެދުގައި އޮންނަ ލޭކް ހުރަސް ކުރަން އެހެން ކުދިން ފެރީ ބޭނުން ކުރާ އިރު، އަރުޖުން އެލޭކް ހުރަސް ކުރަނީ ފަތާފަ އެވެ.

ސާދަ އަހަރުގެ ކުއްޖަކު ކޮންމެ ދުވަހަކު ތިން ކިލޯ މީޓަރުގެ ލޭކެއް ހުރަސް ކުރަނީ ކީއްވެބާ އެވެ؟ އަރުޖުން ބުނި ގޮތުގައި އޭނާ އެފަދައިން އަމަލު ކުރަނީ ދެއަވަށުގެ މެދުގައި ބުރިޖެއް އަޅައި ދިނުމަށް ޕެރުމްބަލަމް އަވަށުގެ ރައްޔިތުން އެދޭތާ 25 އަހަރުވެފައިވީ ނަމަވެސް، އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ނުކުޅެދިފައި ވުމުން ހަޅުތާލެއް ކުރުމުގެ ގޮތުންނެވެ.

"އާއްމުކޮށް ބޯޓު ގަޑިއަކަށް ނުދާނެ. ދެން ސްކޫލަށް ގަޑި ޖެހިގެން ދިޔައީމަ ސްކޫލުން އަދަބު ދޭނެ. ބައެއް ބޯޓުތައް ވަރަށް ކުޑަވާނެ، ނަމަވެސް ބޯޓަށް އަރަން ވަރަށް ގިނަ މީހުން ތިބޭ. އެއީ ހަމަގައިމު ވެސް ކަންބޮޑުވާންވީ ކަމެއް،" އަރުޖުން ބުންޏެވެ.

ޕެރުމްބަލަމް އަވަށުގައި 10،000 އަށް ވުރެ ގިނަ މީހުންގެ އާބާދީ އެއް އޮވެ އެވެ.

އަރުޖުންގެ ހަޅުތާލަށް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަން ލިބުނީ ސްކޫލަށް ދާން ފަތަން ފެށިތާ 10 ދުވަސް ފަހުންނެވެ. އެހާ ހިސާބުން ވެސް ބުރިޖު އަޅާ ދޭނެ ކަމުގެ ޔަގީން ކަމެއް ރަށުގެ ވެރިން ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، އެފަރާތްތަކުން ނިންމީ އަރުޖުންގެ ހަޅުތާލު ހުއްޓާލުމަށް އެދި ނޯޓިސްއެއް ފޮނުވާށެވެ.

"އެއީ ކުޑަކުއްޖެއް އަދި މިމޫސުމުގައި ފެތުމަކީ ނުރައްކާތެރި ކަމެއް. އޭނާ ނުހުއްޓުވައިފި ނަމަ، އަދި ކުއްޖާއަށް ދެރަ ގޮތެއް ވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އަޅުގަނޑުމެން. އެހެންވެ އަލުގަނޑުމެން ނިންމީ [ހަޅުތާލު ހުއްޓާލުމަށް އެދި] ނޯޓިސްއެއް ފޮނުވަން،" ކެރެލާ ޑިސްޓްރިކްޓުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ބުރިޖު އަޅާނެ ކަމުގެ އުއްމީދުގައި އަރުޖުން ވަނީ އޭނާގެ ހަޅުތާލު ހުއްޓާލުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، ބުރިޖު ނާޅައިފި ނަމަ، ގަޑި ނުޖެހި ސްކޫލަށް ދިޔުމަށް ޓަކައި އަނެއްކާ ވެސް ފަތަން ފަށާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފަ އެވެ. (އިންޑިއާޓުޑޭ)