ވޭނެއް ކޮންޓްރޯލް ނުވެ މީރުބަހުރު ބަނދަރުގައި އޮތް ބޯޓަކަށް އެރި ހާދިސާގައި އަނިޔާވި ހުސެއިން ޝާހްގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިއަދު ސަން އަށް ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޭނާ އަށް ފަރުވާދެމުން އަންނަ ކަމަށެވެ.

"އޭނާގެ މަލްޓިޕުލް އެންޖެރީސް ހުރި، މިހާރު އެޑްމިޓްކޮށްފައި އޮތީ، ސުޓޭބަލް." ޒީނަތު ވިދާޅުވި އެވެ.

ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރޭ 10:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ޝާހު އަށް އަނިޔާވެފައި ވަނީ އެ ބަނދަރުގައި އޮތް ބޯޓަކުން ސައިކަލެއް ބަލައި އޭނާ ގޮސްއުޅުމުގެ ތެރެއިންނެވެ. ކޮންޓުރޯލް ނުވެގެން އައި ވޭނުން އޭނާ ގައިގަ ޖެހުނީ އޭނާ ހިނގާފައި ދަނިކޮށެވެ. ވޭނުން ޖެހި އޭނާ ވިއްސައިގެން ގޮސް އަނިޔާތަކެއްވެފަ އެވެ.

އެ ހާދިސާ ފުލުހުން ތަހުގީގް ކުރަމުންދާއިރު ވޭން ޖެހުނު ބޯޓަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ.