18 Jun 2016, 10:22
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކްރޮއޭޝިއާ ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުން މުބާރާތުން ވަކިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފި އެވެ.
ޗެކް ރިޕްބްލިކާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާގެ ސަޕޯޓަރުން ވަނީ މެޗު ނިމެން ދަނިކޮށް، ދަނޑު މައްޗަށް ފްލެއާސް އުކައިފަ އެވެ. އެކަމާ ގުޅިގެން މެޗުގެ ރެފްރީ މާކް ކްލެޓެންބާގު ވަނީ ވަގުތު ކޮޅަކަށް މެޗުގެ ކުޅުން ވެސް މެދުކަނޑާލައިފަ އެވެ.
ރޭ ކުޅުނު އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުންނެވެ. ކްރޮއޭޝިއާގެ ސަޕޯޓަރުން ދަނޑު މައްޗަށް ފްލެއާސް އުކުމުގެ ކުރިން ކްރޮއޭޝިއާ ކުރީގައި އޮތް ނަމަވެސް، ޗެކް ރިޕަބްލިކުން ކުރި ހޯދީ އެއަށް ފަހު ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގައި ހިނގި ކަންތައްތަކުގެ ސަބަބުން ޔޫއެފާ އިން ކްރޮއޭޝިއާ އަށް އަދަބު ދިނުމަކީ އެކަށީގެންވާ ކަމެކެވެ.
"އަހަރެމެންނަށް ދެން ޖެހޭނީ ސްޕެއިން މެޗު ކުޅެވިދާނެތޯ ބަލަން. ފަހަރެއްގައި އަހަރެމެންނަށް އަނބުރާ ގައުމަށް ވެސް ދާން ޖެހިދާނެ. ގައުމީ ޓީމު ދެކެ ލޯބިވާ ގިނަ ސަޕޯޓަރުންތަކެއް އެބަތިބި. އެމީހުންނަށް އަހަރެމެން ކުޅޭތަން ނުފެނިދާނެ. މެދުކަނޑާލުމަށް ފަހު އަލުން މެޗު ފެށުމަކީ އަހަރެމެންގެ ނަސީބު،" ރޭގެ މެޗަށް ފަހުއެޗްޓީވީއަށް ދިން އިންޓަވިއުއްގައި ރަކިޓިޗް ބުންޏެވެ.
ޔޫރޯގެ "ގްރޫޕް ޑީ"ގެ އެންމެ ކުރީގައި މިވަގުތު އޮތީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އެވެ. ސްޕެއިން އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ އަށް ޕޮއިންޓެއް ލިބިފައިވެ އެވެ.