18 Jun 2016, 02:52
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްވާރޯ މޮރާޓޯ ކާމިޔާބު ކުރި ދެ ލަނޑާއެކު 3-0ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ގުރޫޕް ޑީ ގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު އެއް ވަނާގައި ސްޕެއިން އޮތީ ހަ ޕޮއިންޓާ އެކުއެވެ. ދެވަނާގައި ހަތަރު ޕޮއިންޓާ އެކު ކޮރޮއޭޝިއާ އޮތް އިރު އެއް ޕޮއިންޓާއެކު ޗެކް ރިޕަބްލިކް އޮތީ ތިން ވަނާގަ އެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައިވާ ތުރުކީ އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އާއި ތުރުކީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ފްރާންސްގެ އެލިއަންޒް ރިވިރާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމަށް ލީޑް ލިބުނީ މެޗުގެ 34 ވަނަ މިނެޓްގައި އަލްވާރޯ ނޮލީޓޯ ނަގައިދިން ހުރަސް މޮރާޓާ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެ ގޯލަށް ފަހު ތުރުކީ އަށް ހަމަ ޖެހި ނުލެވި އުޅެނިކޮށް ސްޕެއިނުން ވަނީ ގޯލެއް ކާމިޔާބް ކޮށްފައެވެ. ފުރަތަމަ ގޯލު ކާމިޔާބް ކުރިތާ ތިން މިނެޓްފަހުން ދެ ވަނަ ގޯލު ސްޕެއިން އަށް ކާމިޔާބު ކޮށްދިނީ ނޮލީޓޯ އެވެ.
ދެ ގޯލުގެ ލީޑަކާ އެކު މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފްގެ ކުރީ ކޮޅުގައި ސްޕެއިނުން ވަނީ އެ މީހުންގެ ތިން ވަނަ ގޯލު ޖަހާފައެވެ. މެޗުގެ 48 ވަނަ މިނެޓްގައި މޮރާޓޯ އެ ގޯލު ކާމިޔާބް ކުރީ ތުރުކީ ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑީ އަލްބާ ދިން ރީތި ބޯޅަ އެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އާއި ތުރުކީ ކުޅުނު މެޗުގައި ސެޕެއިންގެ މޮރާޓާ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
މެޗުގެ ގިނަވަގުތު ސްޕެއިނުން ބޯޅު ހިފައްޓައިގެން ކުޅުނު އެ މެޗުގައި ތުރުކީ އަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ސްޕެއިން ޕަންލްޓީ އޭރިއާ ތެރެއިން އޮލްސޭ ސަހަން ފޮނުވާލި ބޯޅަ ސެސާ ބްލޮކް ކޮއްލި އިރު ދެވަނަ ފަހަރަށް ސަހަން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާއި އަމާޒް ނުވެއެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ 12:00 ޖަހާއިރު ކޮރޮއޭޝިއާ އާއި ދެކޮޅަށް ސްޕެއިން ނިކުންނައިރު ޗެކް ރިޕަބްލިކް ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. ކޮންމެ ގުރޫޕްއަކުން ވެސް ދެ ޓީމް ގަދަ 16 އަށް ދަތުރު ކުރާއިރު ކޮރޭޝިއާ ދެ ވަނަ ބުރަށް ދެވެން އޮތް މަގަކީ ސްޕެއިންގެ މައްޗަށް ކުރި ހޯދުން ނުވަތަ ސްޕެއިންގެ އަތުން ބަލިނުވުމެވެ. ކޮރެއޭޝިއާ ސްޕެއިން އަތުން ބަލިވެ، ތުރުކީގެ މައްޗަށް ޗެކް ރިޕަބްލިކް ކުރި ހޯދައިފިނަމަ ދެ ވަނަ ބުރުގެ ޖާގަ ޗެކް ރިޕަބްލިކަށް ކަށަވަރުވާނެ އެވެ.