18 Jun 2016, 00:51
ޔޫރޯ 2016ގައި އިޓަލީއާ ވާދަކޮށް ސްވިޑެން ބަލިވި މެޗުގެ ތެރޭގައި އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީއާއި ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗާ ދެމެދު މައްސަލަ ޖެހުނު ނަމަ ކިއެލިނީ އޮންނާނީ ހޮސްޕިޓަލްގައި ކަމަށް އިބްރަހިމޮވިޗް ބުނެފިއެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ 88 ވަނަ މިނިޓްގައި ްއެޑާ މާޓިންސް ލަނޑެއް ކާމިޔާބުކޮށް އަޒޫރީން މޮޅުކޮށްދިނުމުގެ ކުރިން އެ މެޗުގައި ލަނޑެއް ފެނިފައި ގޮސްފައި ނުވާއިރު، ކުރިން ޔުވެސްޓަސްގައި އެކުގައި ކުޅުނު އިބްރާ އާއި ކިއެލިނީއާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި މަންޒަރު ވަނީ ފެނިފައެވެ.
ސްވިޑެންގެ ޑިފެންޑަރު ޔޯން ގުޑެއްޓީއަށް ކިއެލިނީ ކުރި ފައުލަކާ ގުޅިގެން އިބްރަހިމޮވިޗް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި ނަމަވެސް، މެޗު ނިމުމަށްފަހު އޭނާ ބުނީ ކިއެލިނީއާ ދެމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް، އަދި މައްސަލައެއްވެސް ނެތްކަމަށެވެ.
"މެޗު ތެރޭގައި އަހަންނާ މައްސަލައެއް ޖެހުނު ނަމަ ކިއެލިނީ އޮންނާނީ ހޮސްޕިޓަލްގައި" އިބްރާ ބުންޏެވެ.
މުބާރާތުގައި މިހާތަނަށް ސްވިޑެން ކުޅުނު ދެ މެޗުން އެޓީމަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ކެޕްޓަން އިބްރާ ހުރީ އިޓަލީ މެޗުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
"މި މެޗުން އެނގިގެން ދިޔައީ އިޓަލީ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް 90 މިނެޓް ވަންދެން ރަނގަޅަށް ކުޅެން ޖެހޭނެކަން،" އިބްރަހިމޮވިޗް ބުންޏެވެ.
"89 މިނިޓް ވަންދެން ކުޅުމަކުން ނުފުދޭ. މުޅި ގޭމްގައިވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ."
ގްރޫޕް އީ ގައި އިޓަލީ ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި ވާއިރު، މާދަމާ ބެލްޖިއަމް އާ ދެކޮޅަށް އަޔަލެންޑް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ، ބެލްޖިއަމް މުބާރާތުން ކަޓައި ސްވިޑަންއަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވާނެއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ސްވިޑެން ކުޅޭ ފަހު މެޗުގައި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 12:00ގައި ނުކުންނާނީ ބެލްޖިއަމާ ދެޅަށެވެ.