ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ، މާލޭ އުތުރުގައި އުތުރު ފަރާތު މީރުބަހުރު ބަނދަރުގެ ފަޅުތެރޭގައި އޮތް ބޯޓަކަށް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިރޭ ވިދާޅުވީ މީރުބަހުރު ބަނދަރު ތެރޭގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ، އެތަނުގެ ފަޅުގައި އޮތް ބޯޓަކަށް އެރި ކަމަށާއި، އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 10:35 ހާ އިރު ކަމަށެވެ.

މީރުބަހުރު ބަނދަރުގައި ވޭނެއް ކޮންޓްރޯލުން ނެއްޓި، ބޯޓަކަށް އެރި ހާދިސާ -- ފޮޓޯ/ ޕޮލިސް

މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮންޓްރޯލުން ނެއްޓުނު ވޭނު ގޮސް އެރި ބޯޓުގައި ހުރި މީހަކަށް އަނިޔާވި ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީރުބަހުރު ބަނދަރުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާ އިރު، ކޮންޓްރޯލ ނުވެގެން ގޮސް ބޯޓަށް އެރި ވޭނު މިހާރު ވަނީ އެއްގަމަށް އަރުވާފައި ކަމަށާއި، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވި އެވެ.