17 Jun 2016, 23:27
ޔޫއެފާ ޔޫރޯ ގްރޫޕް ޑީގައި ކްރޮއޭޝިއާ އާއި ޗެކްރިޕަބްލިކް ބައްދަލު ކުރި މެޗުގައި ކްރޮއޭޝިއާ މޮޅުވެފައި ވަނިކޮށް، އެ ޓީމުގެ ސަޕޯޓަރުން އަލިފާން ރޯކޮށް ދަނޑަށް ފްލެއާސް އުކުމުން މެޗު މެދުކަނޑާލުމަށްފަހު އަލުން ފެށުމުން ޗެކްރިޕަބްލިކް ފަހަތުން އަރައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފި އެވެ.
އަލިފާން ރޯކޮށް، ކްރޮއޭޝިއާގެ ސަޕޯޓަރުން ދަނޑަށް ފްލެއާސްތަކެއް އުކާފައި ވަނީ ޗެކްރިބްލިކްގެ ގޯލާ ދިމާލަށެވެ. އެއާއެކު ދަނޑުގައި ދުންގަނޑު ފެތުރި، ވިނަގަނޑު މަތީގައި އަލިފާނުގެ އަސަރު ހުރުމުން ރެފްރީ މެޗު މެދުކަނޑާލި އެވެ. މެޗު މެދުކަނޑާލީ ނުވަދިހަ މިނެޓް ހަމަވާން ހަތަރު ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ. މެޗު މެދުކަނޑާލިއިރު 2-1ގެ ނަތީޖާއަކުން ކުރީގައި އޮތީ ކްރޮއޭޝިއާ އެވެ. ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކުން ހުއްޓާލީ ކްރޮއޭޝިއާގެ ބައެއް ކުޅުންތެރިންގެ އެހެން ނެހެދުމަށް ސަޕޯޓަރުން ތިބި ދިމާލަށް ގޮސް ކުރި އިލްތިމާސް ތަކާ އެކުއެވެ.
ނަމަވެސް އަލުން މެޗު ފަށައި މާ ގިނައިރުތަކެއް ނުވެ، ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖަހައި ޗެކްރިބަޕްލިކުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ގޯލު ޗެކް ރިޕަބްލިކުން ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓްގައި ކްރޮއޭޝިއާ ޕެނަލްޓީ އޭރިއާ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހި ލިބުނު ޕެނަލްޓީ ތޯމަސް ސޮޑާ ގޯލުގެ ތެރެއަށް ފޮނުވާލާއިގެންނެވެ.

އެ މެޗުގައި ކްރޮއޭޝިއާ އިން ކާމިޔާބު ކުރި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު މެޗުގެ 37 ވަނަ މިނެޓްގައި އިވާން ޕެރެސިޗު ކާމިޔާބު ކޮށްދިން އިރު ދެވަނަ ގޯލު 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިވާން ރަކިޓިކިޗްއެވެ.
ދެ ގޯލުގެ ލީޑަކާ އެކު ކްރޮއޭޝިއާ ޓީމުން ކުޅެމުން ދިޔަ އިރު އެ ޓީމް ލައްވައި ކުޅުވަމުން ދިޔަ ލުކާ މޮޑްރިޗު ބަދަލު ކުރި ހިސާބުން ޗެކް ރިޕަބްލިކް އިން ދިޔައީ މެޗުގެ ކޮންޓްރޯލް ހޯދައި ގޯލެއް ޖެހޭތޯ މަސަތްކަތް ކުރަމުންނެވެ. ޗެކް ރިޕަބްލިކަށް ލިބުނު ޕެނަލްޓީން މެޗުގެ ނަތީޖާ އެއްވަރު ކުރުމުގެ ކުރިން އެ ޓީމުގެ ފުރަތަމަ ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މިލާން ސޮކްޑާ އެވެ.

މިރޭގެ މެޗު އެއްވަރު ވެގެން ނިމުނު އިރު އެ ގުރޫޕްގައި ހެމެނޭ ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަނީ އަދި ތަނަވަސް ވެފައެވެ.