ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ފަހު ވަގުތު ސްވިޑަން ކޮޅަށް އިޓަލީން ކާމިޔާބު ކުރި ލަނޑުން އިޓަލީ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ޓޫލޫސްގެ ސްޓޭޑިއަމް މުނިސިޕަލްގައި މިރޭ ކުޅުނު "ގްރޫޕް އީ"ގެ މެޗުގައި ސްވިޑަންގެ މައްޗަށް އިޓަލީން ކުރި ހޯދީ 1-0 ލަނޑުންނެވެ.

އެ ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ދެ ވަނާގައި އޮތް ރިޕަބްލިކް އޮފް އަޔަލެންޑާއި ތިން ވަނާގައި އޮތް ސްވިޑަން އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ގޯލުގެ ތަފާތުން އަޔަލެންޑް ކުރީގައި އޮތް އިރު، އެ ޓީމު ކުޅެފައި ވަނީ އެއް މެޗެވެ. ގްރޫޕުގެ ފުލުގައި އޮތް ބެލްޖިއަމް އެއް މެޗު ކުޅެފައިވާ އިރު، ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ފަހު ވަގުތު ސްވިޑަން ކޮޅަށް ލަނޑު ޖެހުމަށްފަހު، އިޓަލީ ކޯޗު ކޮންޓޭއާއެކު އެޑާ އުފާފާޅު ކުރަނީ: އެ މެޗުން އިޓަލީ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

މިރޭ ކުޅުނު މެޗުގައި އިޓަލީން ލަނޑު ޖަހާފައި ވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ސިމޯން ޒަޒާ ދިން ބޯޅައަކުން އިޓަލީ އަށް ލީޑު ހޯދައިދިނީ އެޑާ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ސްވިޑަންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ވެސް ސްވިޑަން އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ދެ ހާފުގައި ވެސް އިޓަލީ އަދި ސްވިޑަން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔަ އެވެ. އެގޮތުން ސްވިޑަންގެ މާޓިން އޮލްސަން އާއި އިޓަލީގެ އެންޓޯނިއޯ ކަންޑްރޭވާ އަށް މެޗުގައި ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ޔޫރޯގައި އިޓަލީ އާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އިޓަލީ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

"ގްރޫޕް އީ"ގައި ބެލްޖިއަމް އާއި ރިޕަބްލިކް އޮފް އަޔަލެންޑް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އިރުއޮއްސި 6:00ގަ އެވެ. އެ މެޗުން ބެލްޖިއަމް ބަލިވެއްޖެ ނަމަ، މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެ އެވެ.