18 May 2011, 10:24
ޤާހިރާ: ކޮރަޕްޝަނުގެ ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ އަނބިކަނބަލުން ސޫޒާން ސާބިތު އޭނާގެ މިލްކިއްޔާތުގައިވާ ފައިސާ ދައުލަތާ ޙަވާލުކުރުމަށް އެއްބަސްވުމުން މިސްރުގެ ސަރުކާރުން އޭނާ މިނިވަންކޮށްފި އެވެ. ރިޕޯޓްތައް ބުނާގޮތުން މިސްރު ސަރުކާރުން ސޫޒާން މިނިވަންކުރީ މިސްރުގެ ދެބޭންކެއްގައިވާ އޭނާގެ ފައިސާ މިސްރުގެ ޓްރެޜަރީއަށް ލިބުމުންނެވެ.
އުމުރުފުޅުން 70 އަހަރުގެ ސޫޒާންގެ މިލްކިއްޔާތުގެ ތެރޭން މިސްރުގައި ހުރިކަމަށްވަނީ 24 މިލިޔަން މިސްރު ޕައުންޑް އެވެ. އެއީ މިހާރުގެ ރޭޓުންނަމަ ގާތްގަނޑަކަށް 4 މިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ ހަމައެކަނި ސޫޒާންގެ ނަމުގައި މިސްރުގެ ބޭންތަކުގައި ހުރި ފައިސާކަމަށް ވިޔަސް މިނޫން ފައިސާއާއި މުދާ ނުސީދާގޮތުން އޭނާއަށް ލިބޭގޮތަށް ހުންނާނެ ކަމަށާއި ބޭރުގެ ބޭންކްތަކުގައި ސޫޒާންގެ ނަމުގައިހުރި ފައިސާގެ ތަފްސީލް އަދި ނޭންގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިސްރުގެ ވަގުތީ ސަރުކާރުން ގެންދަނީ މުބާރަކްގެ ޢާއިލާގެ ކޮރަޕްޝަންގެ މައްސަލަ ވަރަށް ފުޅާދާއިރާއެއްގައި ތަޙްޤީޤްތައް ކުރަމުންނެވެ.ސޫޒާން ހައްޔަރު ކުރުމުގެ އަމުރު މިދިޔަ އާދީއްތަ ދުވަހު ނެރުމުން އޭނާވަނީ އަނބުރައިގަނެގެން ވެއްޓިވަޑައިގެންފައެވެ. މިކަމާގުޅިގެން ޝަރްމުއްޝައިޚްގެ ހޮސްޕިޓަލެއްގައި ސޫޒާން އެނދުމަތި ކުރެވި އައި.ސީ.ޔޫ.ގައި ފަރުވާ ދެވުނެވެ. އެއަށްފަހު އެމައްސަލައިގެ ތަޙްޤީޤްތައް ކުރުމަށްޓަކައި އޭނާއާ ސުވާލުކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔައީވެސް އެހޮސްޕިޓަލްގައެެވެ.
ސޫޒާންގެ ދެފިރިހެން ދަރިންވެސް ވަނީ ކޮރަޕްޝަންގެ ތަޙުގީގުތަކަށް ޖަލުގައި ބަންދުކުރެވިފަ އެވެ. އަދި ފިރިކަލުން ޙުސްނީ މުބާރަކް ހައްޔަރުކުރުމުގެ އަމުރާއެކު މުބާރަކަށް ހިތުގެ މައްސަލަތަކެއް ކުރިމަތިވުމުން އޭނާވެސް ވަނީ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ. -- އަލްޖަޒީރާ/ޖަވާދު