17 Jun 2016, 20:20
މޯލްޑިވްސް ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ވެބްސައިޓު ހެކްކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް އެ ވެބްސައިޓުގައި ގޮވާލައިިފި އެވެ.
އެމްއާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު "ސަން"އަށް މިއަދު ވިދާޅުވީ އެ ކުންފުނީގެ ވެބްސައިޓް ހެކް ކުރިކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ވެބްސައިޓް ވަގުތީ ގޮތުން "ޑައުން" ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއާރްޑީސީގެ ވެބްސައިޓް ހެކް ކުރުމަށްފަހު އެ ވެބްސައިޓުގައި ބުނެފައި ވަނީ ވެބްސައިޓް ހެކްކުރީ އެނޮނިމަސްއިން ކަމަށެވެ. ހެކްކުރުމަށްފަހު އެ ވެބްސައިޓުގައި ބުނެފައި ވަނީ މައާފު ނުކުރާނެ ކަމަށާއި އަދި ހަނދާން ވެސް ނައްތާނުލާނެ ކަމަށް ވެސް ވެބްސައިޓުގައި ބުނެފައިވެ އެވެ. ސަރުކާރާއި ރައީސް ޔާމީނަށް އަމާޒުކޮށް ބުނެފައި ވަނީ ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.
ވެބްސައިޓުގެ މެނޫބާގައި ރައީސް ޔާމީނަށް ނިސްބަތްކޮށް ހަޑިހުތުރު ބަސްތައް ރައްދުކޮށްފައިވެ އެވެ.