ޔޫރޯ 2016ގައި ރޭ ވޭލްސް އަތުން 2-1 ލަނޑުން ހަނިގޮތަކަށް އިންގްލޭންޑް މޮޅުވީ، މެޗުގެ ފަހު ހާފުގައި އިނގިރޭސި ކޯޗް ރޯއީ ހޮޖްސަން ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށާއި އެހެންކަމުން ހޮޖްސަންއަށް ފުލް ކްރެޑިޓް ހައްގުކަމަށް އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.

ފްރާންސްގެ ލެންސްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރީން ވޭލްސްގެ ފޯވާޑް ގެރެތު ބޭލް ވަނީ، ގޯލާ 35 ޔާޑް ދުރުން އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ ކުރި ހޯދައި އިންގްލޭންޑް ހާސްކަމެއްގެ ތެރެއަށް ދުއްވާލައިފައެވެ.

ހޮޖްސަން ވަނީ، ދެވަނަ ހަފަށް އިނގިރޭސީން ނުކުތްއިރު ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރަހީމް ސްޓަރލިންގެ ބަދަލުގައި ޖެމީ ވަރޑީ އަދި ހެރީ ކޭންގެ ބަދަލުގައި ޑެނިއެލް ސްޓަރިޖް ކުޅެން ނެރުނެވެ. މި ބަދަލާ އެކު މެޗުގެ އޮއިވަރު އިންގްލޭންޑް ކޮޅަށް ބަދަލުވެގެން ދިޔައިރު، އެޓީމުން ޖެހި ދެލަނޑުވެސް ފެނިގެން ދިޔައީ މި ދެކުޅުންތެރީންގެ ފަރާތުންނެވެ.

އެގޮތުން މެޗުގެ 56 ވަނަ މިނިޓްގައި ވަރޑީ މެޗުގެ ނަތީޖާ އިންގްލެންޑަށް ހަމަހަމަކޮށްދިން އިރު، މެޗު ގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ސްޓަރިޖް ވަނީ އެޓީމަށް މެޗުގެ ކުރި ހޯދައިދީފައެވެ.

ވޭލްސް އަތުން 2-1 ލަނޑުން މޮޅުވެ، އިނގިސޭރި ކުޅުންތެރީން އުފާފާޅުކުރަނީ -- ފޮޓޯ: ޔޫރޯ ސްޕޯޓްސް

މީގެ އިތުރުން ހޮޖްސަން ވަނީ މެޗުގެ 73 ވަނަ މިނިޓްގައި، އެޑަމް ލަލާނާގެ ބަދަލުގައި ޒުވާން ފޯވާޑް މާކަސް ރަޝްފަޑް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ވާދަވެރި މުބާރާތެއްގައި ކުޅެން ނެރެފައެވެ.

"ކޯޗް ހޮޖްސަންއަށް ވަރަށް ބޮޑަށް ތައުރީފް ހައްގު" ބީބީސީ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ރޫނީ ބުންޏެވެ.

"އޭނާއަށް މެޗު ބަދަލުވަމުން ދިޔަގޮތް ވަރަށް ރަނގަޅަށް އެނގުނު، އަދި ދެވަނަ ހާފްގައި އެ ބަދަލު ގެނައީ."

ރޫނީ ބުނީ، މެޗެއްގެ ފުރަތަމަ ހާފް ނިމި ދެވަނަ ހާފް ފަށާއިރު، އެގޮތަށް ކުޅުންތެރީންތަކެއް ބަދަލުކުރުމަކީ، އެއްވެސް ކޯޗަކަށް ފަސޭހަ ނިންމުމަކަށް ނުވާނެ ކަމަށާއި، އެހެން ނަމަވެސް މެޗުގެ އޮއިވަރު ހުރިގޮތް އެނަލައިޒް ކުރުމަށްފަހު ހޮޖްސަން ވަނީ ވަރަށް ހިކްމަތްތެރިކަމާއެކު ބަދަލު ގެނެސްފައި ކަމަށެވެ.

"އެ ބަދަލުގެ އަގު އަހަރެމެންނަށް ލިބިއްޖެ. ހުރިހާ ތައުރީފާއި ޝުކުރެއް ހައްގުވާނީ ކޯޗަށް،" ރޫނީ ބުންޏެވެ.

ރަޝިއާއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އިންގްލޭންޑް އެއްވަރުވި މެޗުގައި ހޮޖްސަން އޭނާގެ ޓީމަށް ގެނައި ޓެކްޓިކަލް ބަދަލުތައް އެހާ ކާމިޔާބު ނޫންނަމަވެސް، ވޭލްސްއަތުން ހަނިގޮތަކަށް އިނގިރޭސީން މޮޅުވީ، ވާރޑީއާއި ސްޓަރިޖްގެ ކޮމްބިނޭޝަން ރަނގަޅުވުމުންކަން ރޫނީ ފާހަގަކުރިއެވެ.

މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅުނީ އިންގްލޭންޑް ކަން ފާހަގަކުރަމުން ރޫނީ ބުނީ، "މެޗުގެ ކުރީންވެސް އަހަރެން ބުނެފައި ވާނެ، ގައުމެއްގެ ގޮތުގައާއި ފުޓްބޯޅަ ޓީމެއްގެ ގޮތުން ވޭލްސް އަށް ވަރަށް ބޮޑަށް އަހަރެމެން އިހްތިރާމް ކުރަން،" ކަމަށާއި މި މުބާރާތަށް ކޮލިފައިވުމަށް ވޭލްސް ކުރި ދަތުރަކީވެސް އާދަޔާ ޚިލާފް ދަތުރެއް ކަމަށެވެ.

"ވޭލްސް ޓީމަށް އަހަރެން ހެޔޮއެދެން. އަދި ގްރޫޕް ސްޓޭޖް ފަހަނައަޅާއި ދާނޭ ކަމަށް އަހަރެން އުންމީދުކުރަން،" ރޫނީ ބުންޏެވެ.

މުޙިންމު މައުލޫމާތު:

  • އެންމެ ފަހުން އިންގްލޭންޑް ވާދަކުރި ނުވަ މުބާރާތުގައި ވެސް ލިވަޕޫލަށް ނިސްބަތްވާ ކުޅުންތެރިޔަކު ސްކޯކުރޭ.
  • ގެރެތު ބޭލް ވަނީ، ޔޫރޯ 2016ގައި ހިލޭ ޖެހުމުން ދެ ލަނޑު ކާމިޔާބުކޮށްފައި. މިއީ 1992 އަހަރު ޖަރުމަނުގެ ތޯމަސް ހެސްލާ އަށް ފަހު މިގޮތަށް ލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާ.
  • ބޭލް އަކީ، 1984ގައި މާކް ހިއުސް އިންގްލޭންޑް ކޮޅަށް ލަނޑު ޖެހިފަހުން އެޓީމުކޮޅަށް ލަނޑުޖެހި ވޭލްސްގެ ފުރަތަމަ ކުޅުންތެރިޔާ.
  • ޖެމީ ވަރޑީ ވަނީ އޭނާ އިންގްލޭންޑަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ލަނޑު ޖަހާފައި. އެގޮތުން ވޭލްސް ކޮޅަށް އޭނާ ލަނޑު ޖެހީ މެޗުގައި އޭނާ ބޯޅައިގައި ފައިޖައްސާލި ތިންވަނަ ފަހަރު.
  • މާކަސް ރަޝްފާޑް އަކީ ބައިނަލްއަގްވާމީ މުބާރާތެއްގައި އިންގްލޭންޑް ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ، އަދި މުޅި ޔޫރޯގައި ކުޅޭ ފަސްވަނައަށް އެންމެ ޒުވާން ކުޅުންެތެރިޔާ. މިހާރު އުމުރުން 18 އަހަރާ 229 ދުވަހުގެ ރަޝްފާޑް އިއްޔެގެ މެޗަށް ނެރުނު އިރު، 2004 ވަނަ އަހަރު ފްރާންސާ ދެކޮޅަށް ވޭން ރޫނީ ކުޅުނުއިރު އުމުރުންވީ ދުވަހަށް ވުރެ 4 ދުވަސް ހަގު.