17 Jun 2016, 17:18
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިއުތިރާފުވެވަޑައިގެންނެވި ކަމަށާއި އެހެންކަމުން ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އުމަރު ރައީސް ނަޝީދަށް ރައްދު ދެއްވައިފި އެވެ.
އުމަރު ރައީސް ނަޝީދަށް ރައްދު ދެއްވައި ވިދާޅުވީ، އުމަރު ދެއްކެވި ވާހަކަތައް "ޓްވިސްޓު" ނުކުރެއްވުމަށެވެ. އަދި ރައީސް ނަޝީދަކީ ކަންކަން އޮޅުވާލައްވާ ބޭފުޅެއްކަން ދެއްކެވުމަށްޓަކައި، އުމަރު ވިދާޅުވީ ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ދެެއްވުން ފަހުން ބަދަލުވީ ބަގާވާތަކަށް ކަމަށެވެ.
ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނުކަން ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރު އެވެ.
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ މަރުހަލާގައިވާ އިރު، މިދިޔަ ބުދަ ދުވަހުގެ ރޭ އުމަރު ސަން އަށް ވިދާޅުވީ ކޮންފަރެންސް ކޯލެއްގައި ނާޒިމާއި އޭނާ އަށް އަދީބު އިންޒާރުދެއްވީ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ ކަމަށެވެ. އަދި އެގޮތަށް އިންޒާރު ދިނުމުން އެއްކަމެއްވެސް ނުކުރެވޭނެ ކަމަށް އަދީބަށް ދެންނެވި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"އަދީބު ބުނި ހަމަ ސީދާ އަޅުގަނޑާއި ނާޒިމާ ދިމާލަށް ހޭއަރުވާލާނެމޭ. އަޅުގަނޑު ދެންނެވިން އެއްކަމެއް ވެސް ނުކުރެވޭނެއޭ. ތި ހަމަ ހީވާ އެއްޗެކޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކާނަލް ނާޒިމް ފްރޭމުކުރި ކަމަށް ތުހުމަތު ކުރަނީ އެ ސަބަބާ ހެދި ކަމަށާއި އަދީބުގެ ބޮލުގައި އެ އިލްޒާމު އެޅޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުން ނުކުންނަވަނީ: ލޯންޗުކޮޅު ގޮއްވާލިކަން ސާބިތުވެ އަދީބު 15 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނަމަވެސް އެއާ ވިދިގެން އުމަރު ވިދާޅުވީ ފްރޭމް ކުރީއޭ ނުވަތަ ނޫނެކޭ ސީދާ ނުދަންނަވާ ކަމަށާއި، ނަމަވެސް އެއީ ކުރީގެ ނައިބު ރައީސަކަށް ހުންނެވި ބޭފުޅަކާ މެދު ކުރެވޭ ތުހުމަތެއް ކަމަށެވެ. އަދި އޭރު އަދީބު ކެބިނެޓުގައި ހުންނެވުމުން ތަހުގީގުގައި އުޅުމުގެ ފުރުސަތު އުމަރަށް ލިބިވަޑައިނުގެންނެވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރުގެ މި ވާހަކައާ މެދު މިއަދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަދީބު ފުލުހުންނަށް ފައިސާ ދީގެން ނާޒިމް ފްރޭމް ކުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ ކަމަށެވެ.
އެކަމުން ހާމަވަނީ ދައުލަތުގެ "އެންމެ މުހިންމު އަދި ޒިންމާދާރު މުއައްސަސާގެ ހަލަތު އިންތިހާއަށް ގޯސްވެ، ފުލުހުންގެ ތެރޭގައި ފަސާދައަށް މަގުފަހިވެ ކޮރަޕްޝަން އާންމުވެފައިވާ މިންވަރު" ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެނގިވަޑައިގެންނެވި ކަން ކަމަށް އިއްތިހާދުން ބުންޏެވެ.

15 ޖޫން 2016: އިސްތިއުނާފު އަޑުއެހުމަށްފަހު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ސުޕްރީމް ކޯޓުން ނެރެގެން ކަރެކްޝަންސްގެ ވެހިކަލަށް އަރުވަނީ: ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓަށް ފިސްތޯލަ ވެއްދީ އާސިފު ނަމަކަށް ކިޔާ ފުލުހެއް ކަމަށް އޭނާގެ ގާނޫނީ ވަކީލު ވަނީ ވިދާޅުވެފައި ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އަދި ނާޒިމްގެ މައްޗަށް "ނުހައްގު ތަހުގީގު" ކުރެވުނު އިރުވެސް އުމަރު ހަމަހިމޭޏުން ހުންނަވައި، ފުލުހުންގެ ކޮރަޕްޝަން ފޮރުވުމުގައި އޭރު ހުންނަވައި، މިހާރު މި ވާހަކަތައް ދެއްކުމަކީ ހޯމް މިނިސްޓަރުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި އެމަނިކުފާނު ފޭލުވެފައިވާކަން ހާމަވާ ކަމެއް ކަމަށް އިއްތިހާދުން ބުނެ އެވެ.
އިއްތިހާދުން ބުނީ، ފުލުހުންނާ ހަވާލުވެ ހުންނެވި ވަޒީރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިއުތިރާފުވެވަޑައިގެންފައިވާ އިރު، އެކަމަށް އިތުރު ހެއްކަކާއި ގަރީނާއެއް ހޯދަން ޖެހޭކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމުގައި، ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލައެއް ވެއްދީ އޭނާ ފިސްތޯލަ ވެއްދުމަށް ފަހު ނަގައި އެނދުމަތީގައި ބަހައްޓާފައި މިއީ ކާކުގެ އެއްޗެއްތޯ އެހިކަމަށެވެ. އަދި އެއީ އާސިފް ވެއްދި އެއްޗެއްކަން ސާބިތު ކުރުމަށް ހެކިން އެބަތިބި ކަމަށާއި އެހެންކަމުން އެ ހެކިން ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް ސުއޫދު އެދިވަޑައިގަތެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަ އާއި ތިން ވަޒަން އޮތީ ނާޒިމްގެ ހިޔާޒަތުގެ ދަށުގައިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އެއީ ނާޒިމްއަށް ލަނޑެއް ދިނުމަށް ވައްދާފައިވާ ތަކެތިކަން އެނގޭ ވަރަށް އެކަށީގެންވާ ހެކި އެބަހުރިކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.