17 Jun 2016, 17:02
ގާހިރާ (ޖޫން 17) : މިދިޔަމަހު ވެއްޓުނު މިސްރުގެ ގައުމީ އެއާލައިން (އިޖިޕްޓް އެއަރ) ގެ މަތިންދާބޯޓު ގެ ދެވަނަ ކަޅުފޮށިވެސް ފެނިއްޖެކަން އެހާދިސާ ތަހްގީގްކުރާ މިސްރުގެ ފަންނީ ތަޖްރިބާކާރުންގެ ކޮމިޓީން ބުނެފިއެވެ.
އެކޮމިޓީ ބުނާގޮތުން ދެވަނަ ކަޅުފޮށި ފެނުމަކީ މި ހާދިސާ ހިނގައިދިޔަގޮތް އެނގުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ނަމަވެސް ދެވަނަ ކަޅުފޮށި އޮތީ އެއިން މައުލޫމާތު ލިބޭ ހާލަތުގައިކަން ނުވަތަނޫންކަން އަދި ބުނަންނޭންގޭކަމަށް އެކޮމިޓިން ބުނެއެވެ. އިޖިޕްޓް އެއަރ ގެ ފްލައިޓް އެމްއެސް 804 ވެއްޓުނީ ފަރަންސޭސިވިލާތުގެ ޕެރިހުގެ ޗާލްޑިގޯލް އެއަރޕޯޓުން ފުރައިގެން މިސްރުގެ ގާހިރާ އިންޓަނޭޝަނަލަ އެއަރޕޯޓަށް ދަތުރުކުރަނިކޮށް މެޑިޓަރޭނިޔަން ކަނޑުގައިވާ ގްރީސްގެ ޖަޒީރާ އެއްގެ ކައިރިއަށެވެ.
މިދޔަ މަހުގެ 19 ވަނަ ދުވަހު އެމްއެސް 804 ވެއްޓުމާ ގުޅިގެން އެބޯޓުން ދަތުރުކުރި ހުރިހާ މީހުން (66 މީހުން) ވަނީ މަރުވެފައެވެ. މީގެތެރޭގައި މިސްރުގެ 30 މީހުންނާއި ފަރަންސޭސިވިލާތުގެ 15 މީހުންނާއި އެހެން 10 ގައުމެއްގެ 21 ފަސިންޖަރުން ހިމެނެއެވެ. މިސްރުގެ ބޯޓުގެ ކަޅުފޮށި ހޯދުމަށް ފަރަންސޭސިވިލާތުގެ ދެމަނަވަރަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ ބުދަދުވަހު އެބޯޓުގެ ކޮކްޕިޓްގެ ކަޅުފޮށިވެސް ވަނީ ހޯދާފައެވެ. (ރޮއިޓާސް)